27 Aug 2012, 15:09
ކޯނީގެ ރިޕޯޓަށް ފަހު ކުރިއަށް ދާނެ ގޮތްތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވާފައިވާ މަޝްވަރާތަކުގައި އެމްޑީޕީ އާއި ޑީއާރުޕީން ވެސް ބައިވެރިވާން ނިންމައިފި އެވެ.
ކޯނީގެ ރިޕޯޓު ނެރުމަށް ހަމަ ޖެހިފައިވާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ މަޝްވަރާތައް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެއްވި ދައުވަތު ގަބޫލު ކުރާކަމަށް ބުނެ އެމްޑީޕީ އާއި ޑީއާރުޕީން ވަނީ ނޫސްބަޔާނެއް ނެރިފަ އެވެ.
ޑީއާރުޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މިވަގުތު ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ކުރިއަށް ދެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ، ޑީއާރްޕީން އަބަދު ވެސް ވަކާލާތު ކުރާ ކަމެއް ކަމަށެވެ.
"ބުރާސްފަތި ދުވަހުގެ ރޭ ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ދަޢުވަތު ޑީއާރުޕީން ގަބޫލުކޮށް، އެ ބައްދަލުވުމުގައި ޑިއާރުޕީން ބައިވެރިވާން މިހާރު ވަނީ ނިންމާފަ އެވެ،" ޑީއާރުޕީން ބުނެފައިވެ އެވެ.
މީގެ އިތުރުން މިހާރު ދިމާވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މިމުހިންމު ދަނޑިވަޅުގައި، ޤައުމަށް އިސްކަންދޭ ހުރިހާ ޕާޓީތަކަކުން ވެސް އެ ޕާޓީއެއްގެ އެންމެ އިސްވެރިޔާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ މުހިންމު ކަމެއްކަމުގައި އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ނެރިފައިވާ ބަޔާނުގައި އެ ޕާޓީއަކީ އަބަދުވެސް މަޝްވަރާ އާއީ ވާހަކަ ދެއްކުމަށް މަރުހަބާ ކިޔާ ޕާޓީއެއް ކަމަށާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މިފަދަ މަޝްވަރާއެއްގައި ދިވެހިރާއްޖެ އަށް ދިމާވެފައިވާ މައިގަނޑު މައްސަލަތަކަށް ހައްލެ ހޯދުމަށް މަޝްވަރާކުރެވެން ޖެހޭނޭ ކަމަށް ބުނެފައިވެ އެވެ.
ހަމަ އެހެންމެ އެ ރިޕޯޓަށް ފަހު ބާއްވާ އެ މަޝްވަރާތަކުގައި ޤާނޫނާއި ގަވާއިދަށް ނުކިޔަމަންތެރިވި ކަމަށް އެމްޑީޕީ އިން ބުނާ ފުލުހުންނާއި ސިފައިންނާ މެދު އަމަލުކުރާނެ ގޮތްތަކަކާ މެދުގަ އާއި ރައްޔިތުންގެ ވެރިކަމެއް ޤާއިމްކުރުމަށް ޓަކައި އަވަސް އިންތިހާބެއްގެ ތާރީހް ކަނޑައެޅުމާ މެދު މަޝްވަރާކުރަން ޖެހޭނޭ ކަމަށް އެ ޕާޓީގެ ބަޔާނުގަ އެވެ.
އެ މަޝްވަރާތަކުގައި ޕީޕީއެމް ވެސް ބައިވެރިވާނެ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި ބާއްވާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ދައުވަތު އަރުވާފައި ވަނީ އެމްޑީޕީ އާއި ޑީއާރުޕީ އާއި ޕީޕީއެމް އާއި ގައުމީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ޕީޕަލްސް އެލަޔަންސްގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.