27 Aug 2012, 15:02
އއ. ތޮއްޑޫ ކައުންސިލުން އެރަށުގައި އުޅޭ މީހަކަށް ގާނޫނާއި ގަވާއިދާ ހިލާފަށް ގޯއްޗެއް ދީފައިވާ ކަމަށް ބުނެ ތޮއްޑޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެރަށު ކައުންސިލް ކައިރީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
ތޮއްޑޫން ވާހަ ކަދެއްކި އެރަށު މީހަކު މިއަދު ބުނީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މިއަދު މެންދުރު އެކެއް ޖަހާ އެހާކަންހާއިރުން ފެށިގެން ރަށު ކައުންސިލް ދޮަށަށް އެއްވެ ނުރުހުން ފާޅުކުރަމުން ގެންދާ ކަމަށެވެ. އެ މީހުން ނުރުހުން ފާޅުކުރަމުން ގެންދަނީ ފާއިތުވި 16 އަހަރު ދުވަހުގެ ތެރޭގައި ވެސް އެރަށުގެ އެތައް ބަޔަކަށް ގޯތި ދޫކޮށްފައިނުވާތީ އެކަމާ ރައްޔިތުން ކަންބޮޑުވެފައި ވަނިކޮށް، އެޗްއާރުސީއެމުން ބުނެގެން ކަމަށް ބުނެ ރަށު ކައުންސިލުން ތޮއްޑޫގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އުމުރުން 30 އަހަރުގެ ފިރިހެނަކަށް މިއަދު ކުއްލިއަކަށް ގޯއްޗެއް ގާނޫނާއި ގަވާއިދާ ހިލާފަށް ދޫކޮށްފައިވާކަން އެނގިގެން ކަމަށެވެ.
ތޮއްޑޫ ކައުންސިލް ކައިރިއަށް އެއްވި މީހުން ގެންދަނީ ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމާއި ނައިބްު ރައީސް މައުރޫފު އާދަމްގެ އިސްތިއުފާއަށް ގޮވަމުންނެވެ.
" ރައްޔިތުން ބޭނުންވަނީ ގޯތި ދޫކުރުމުގެ ކަންތައްތައް ވީހާ ވެސް އިންސާފުވެރިކަމާ އެކު ހަމަހަމަ އުސޫލަކުން ކުރިއަށް ގެންދިއުމަށް، ރައްޔިތުންގެ ބޭނުންވަނީ ކައުންސިލްގެ ރައީސާއި ނައީބް ރައީސް އިސްތިއުފާ ދިނުމަށް،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކައުންސިލްގެ މެމްބަރު ނަން ނުޖެހުމަށް އެދިވަޑައިގެން މިއަދު ވިދާޅުވީ ކައުންސިލްގައި ރައްޔިތުންގެ އެކަންބޮޑުވުމާ ގުޅިގެން މިއަދު މެންދުރު ބޭއްވި އެކައުންސިލްގައި ބޭއްވި ބައްދަލުވުމަކަށް ފަހު އެރަށުން ދޫކުރި ގޯތި ބާތިލްކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި ރަށުން ގޯތި ދޫކުރުމުގެ މަސައްކަތް ފެށުމަށް ކައުންސިލްގެ ބައްދަލުވުމުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.
ކައުންސިލުގެ އެނިންމުމަށް ފަހު ވެސް ކައުންސިލް ކައިރިއަށް އެއްވި މީހުން ގެންދަނީ ރަށު އޮފީސް ކައިރީގައި ނުރުހުން ފާޅުކުރަމުން ނެވެ.