ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރާ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެދިއްޖެ އެވެ.

އަބްދުﷲ ގާޒީ ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ އިތުރުން ދައުވާ ކުރަން ހުޅުމާލޭ ކޯޓަށް ފޮނުވީ ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. ނަމަވެސް ހުޅުމާލޭ ކޯޓުން ވަނީ އެ މައްސަލަ އެ ކޯޓުންް ނުބެލޭނެ ކަމަށް ނިންމައި މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.

ހުޅުމާލޭ ކޯޓުގެ ނިންމުން ޕީޖީ އޮފީހުން އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ އެ މައްސަލަ ނުބެލޭނެ ކަމަށް ހުޅުމާލޭ ކޯޓުން ނިންމި ނިންމުން ބާތިލް ކޮށްދެއްވައި އެ މައްސަލައަކީ ހުޅުމާލޭ ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

ޕީޖީގެ ވަކީލު ވިދާޅުވީ ކޯޓްތަކާބެހޭ ގާނޫނުގެ ޖަދުވަލު ފަހެއްގެ އެއްވަނަ ނަންބަރުގެ (ހ) ގައި ބުނާ ގޮތުން އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ މައްސަލަތުގެ ތެރެއިން އެ ގާނޫނުގައި އިސްތިސްނާ ކޮށްފައި ނުވާ މައްސަލަތައް ބެލުމުގެ އިޚުތިސޯސް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ގާނޫނުގެ ޖަދުވަލު ފަހެއްގައި މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭނެ ކަމަށް ބުނެފައިވާ މައްސަލަ ތަކުގެ ތެރޭގައި "ގާނޫނާއި ޚިލާފުގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ" މައްސަލަތައް ނުހިމެނޭ ކަމަށާއި އެހެންކަމުން އެ މައްލައަކީ ހުޅުމާލޭ ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ދެކޭކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ ޖަދުވަލު ދޭއްގައި ބުނާގޮތުން މާލެއާއި ވިލިނގިއްޔާއި ހުޅުމާލެ އަކީ އެއް އިދާރީ ދާއިރާއެެއްކަމަށް ވާއިރު ކޯޓުތަކާ ބެހޭ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި މެޖިސްޓްރޭޓް ކޯޓަކީ ދައުވާ ލިބޭ މީހާގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށް ވާނަމަ އެ މީހަކު ހިމެނޭ މައްސަލައެއް ބެލުމުގެ އިހުތިސޯސް އެ މެޖިސްޓްރޭޓް ކޯޓަކަށް ލިބިގެންވާކަމަަށް ބުނެފައިވާކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާ ލިބޭ އެންމެންގެ އެޑްރެހަކީ މާލޭގެ އެޑްރެސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ އަށް އިންޒާރު ދިން މައްސަލައެއް ހުޅުމާލޭ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަނެ މިހާރު ޝަރީއަތް ވެސް ފަށާފައިވާކަމަށެވެ. އަދި އެ މައްސަލަ އެ ކޯޓަށް ހުށަހެޅީ އަބްދުﷲ ގާޒީގެ މަސްލަހަތު ހުރި މައްސަލައަކަށް ވާތީ ސުޕްރީމް ކޯޓުގެ ލާފަގެ މަތިން ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ ވެސް އަބްދުﷲ ގާޒީގެ މަސްލަހަތު ހުރި މައްސަލައަކަށް ވާއިރު އެ މައްސަލަ ނުބަލައި ހަމަ އެބާވަތުގެ އެހެން މައްސަލައެއް ހުށަހެޅުމުން ހުޅުމާލޭ ކޯޓުން ނުބެލުމަކީ އެއީ ހަމަހަމަކަން ގެއްލޭ ކަމެއް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވިި ފަނޑިޔާރު ޔޫސުފް ހުސެއިން ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމުގައި އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.