27 Aug 2012, 13:58
ސަރުކާރު ބަދަލުވިގޮތް ބަލަން އުފައްދާފައިވާ ކޮމިޝަންއޮފް ނެޝަނަލް އިންކްއަރީ (ކޯނީ)ގައި ރައީސް ނަޝީދު ތަމްސީލް ކުރައްވާ މެންބަރު ގަހާ އަހުމަދު ސައީދު ކޮމިޝަނުން ވަކިކުރަން އެދޭނެ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރު އަދި އެޕާޓީގެ ވަގުތީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޯނީގެ ރިޕޯޓް ނުނެރެނީސް އެ ރިޕޯޓާ ބެހޭ ގޮތުން ސައީދު ދައްކަވާފައިވާ ވާހަކަތައް ޕީޕީއެމުން ކުށްވެރިކުރާ ކަމަށާއި ސައީދު ކޯނީން ވަކިކޮށް ދިނުމަށް އެދި މިއަދު ރައީސް ވަހީދަށް ސިޓީއެއް ފޮނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދަންނަވާލަން ބޭނުންވޭ ގަހާ ސައީދު މިހާރު އެވަނީ ވަރަށް ބޮޑަށް ހިޔާނާތްތެރިވެވަޑައިގެންފައޭ ރައްޔިތުނަށާއި ސަރުކާރަށް. އެހެން ކަމުން މިހާރުން މިހާރަށް ކޯނީން އޭނާ ވަކިކޮށްދޭށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓް ނެރެން ކައިރިވެފައި ވަނިކޮށް ސައީދު އިއްޔެ ދެއްކެވި ވާހަކަތަކަކީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ގައުމުގެ މަސްލަހަތު ނަގާލުމަށް ދައްކަވާފައި ވާހަކަތަކެއް ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ކޯނީގެ ޑްރާފްޓް ރިޕޯޓްގައި ވެރިކަން ބަދަލުވުމާ ބެހޭ ގޮތުން އިންޓަވިއުތައް ދިން ގިނަ ފަރާތްތައް ދެއްކި ވާހަކަތަކަށް ރިއާޔަތް ކޮށްފައި ނުވާ ވާތީ ޑްރާފްޓް ރިޕޯޓާ މެދު ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވެ ސައީދު އިއްޔެ ވަނީ މީޑިއާއާ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި އެވާހަކަތަކާ ގުޅުވައިގެން އެމްޑީޕީން ވަނީ ރިޕޯޓާއި ދޭތެރޭ ސުވާލު އުފައްދައި ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ ސިންގަޕޫރުގެ ފަނޑިޔާރަށް ފާޑުކިޔާފަ އެވެ. ހަމައެއާ އެކު ސަރުކާރުން ބުނެފައި ވަނީ ސައީދު އެކަން ކުރައްވާފައި ވަނީ ސަރުކާރާއި އެމްޑީޕީ އަދި ކޮމަންވެލްތުން އެއްބަސްވެފައިވާ ގޮތާ ހިލާފަށް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެކަމާ ގުޅުވައި އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ނިންމި ކަންކަމާމެދު ވެސް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަންގެ މުސްތަގިއްލު ކަމާމެދު ކުރިން ވެސް ޕީޕީއެމުން ސުވާލު އުފައްދާފައިވާނެ ކަމަށާއި އެއީ ރައީސް ނަޝީދުގެ ފަރާތްޕުޅުން މެމްބަރަކު ކޮމިޝަނުގައި އިންނަވާއިރު ރައީސް މައުމޫނުގެ ފަރާތްޕުޅުން ވެސް ބޭފުޅަކު އިންނަވަން ޖެހޭނެ ކަމަށް ޕީޕީއެމުން ގަބޫލު ކުރާތީ ކަމަށެވެ. ނަމަވެސް ގައުމަށްޓަކައި ޕީޕީއެމްއިން ކޯނީގެ ރިޕޯޓް ބަލައިގަތުމަށް ނިންމާފައިވާ ކަމަށާއި ސައީދު ކޯނީން ވަކިކޮށްގެން އިތުރު މައްސަލައެއް އުފެދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ރޭ ޕީޕީއެމުން ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި ސިޔާސީ ޕާޓިތަކުގެ މަޝްވަތަކުގައި ބައިވެރިވާން ނިންމާފައިވާނެ ކަމަށާއި އެ މަޝްވަރާތަކުގައި ބައިވެރިވާނީ އެދުވަސް އަންނަ އިރު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތަކަށް ބަލާފައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތިބޭނީ ވަރަށްބޮޑަށް ތައްޔާރީ ހާލަތެއްގައި އަޅުގަނޑުމެން އިސްވެ މަގުމައްޗަށް ނިކުމެ އެއްވެސް ކަމެއް ނުކުރާނަން. ނަމަވެސް މިގައުމުގައި މިނިވަންކަން ނަގާލައި ސުލްހަ މަސަލަސްކަން ނަގާލާނަމަ އަޅުގަނޑުމެން ނުކުންނާނެ، އޭގެ މަނައަކީ އަޅުގަނޑުމެން އެމްޑީޕީއާއި ދިމާކުރަން ނިކުންނަ ވާހަކައެއް ނޫން އެގޮތަކަށް ނުނިކުންނާނަން، އެހެން ނަމަވެސް ގައުމަށްޓަކައި ގައުމުގެ މިނިވަން ކަމަށްޓަކައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ޕީޕީއެމުން ކުރާނެ" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި އެޕާޓީގެ ޝިއާރަކަށް "އެންމެ ފުރަތަމަ ގައުމު" ބޭނުން ކުރުމަށް ވެސް ރޭ ވަނީ ނިންމާފަ އެވެ. އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމުން ދެން ކުރިއަށްގެންދާ ހުރިހާ ސިޔާސީ ހަރަކާތްތަކެއްގައި ބޭނުންކުރާނީ އެ ޝިއާރު ކަމަށެވެ.