27 Aug 2012, 13:23
ކޮންމެ މީހަކު ވެސް ދެކޭގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ގޮތް ދޫނުކޮށް ނުތިބުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވަވައިފި އެވެ.
އަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދު އާޓް ގެލެރީގައި ބޭއްވި "ވެރިކަން ބަދަލުވި ގޮތް ކުރެހުންތެރިއެއްގެ ފިހިން" ފޮޓޯމައުރަޒު ހުޅުވައިދެއްވުމަށް ފަހު ރައީސް ވަހީދު ވިދާޅުވީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި ސިޔާސީ ގޮތުން ކަންކަން ވެގެން ދިޔަ ގޮތުގެ ސަބަބުން ރާއްޖެ އަށް އައި ބަދަލު ތަސައްވަރުވެފައި ވަނީ އެކި މީހުންނަށް އެގިގޮތަށް ކަމަށާއި މިއަދު ހުޅުވިގެން ދިޔަ ކުރެހުމުގެ މައުރަޒުން ފެންނަން ހުރީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އެ ދުވަހު ކަންކަން ފެނިގެން ދިޔަ ގޮތް ކަމަށެވެ.
"އެ ދުވަހުގެ ތަސައްވަރު ކުރެހުމެއްގެ ސިފާގައި މިއަދު މިތާނގައި މިވަނީ ދައްކާލެވިފައި. ދެންވެސް މިނޫން ގޮތަކަށް މިކަންތައް ދެކޭ ބަޔަކު ވެސް އެބައުޅޭ. އެހެންވީމާ ހަގީގަތް ސާފުކުރުމަށް ޓަކައި އަޅުގަނޑުމެން މިޖެހެނީ އެންމެން އިތުބާރުކުރާ ނިޒާމެއް ނުވަތަ މެކޭނިޒަމެއް އުފައްދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފެބުރުއަރީ ހަތް ވަނަ ދުވަހުގެ ހާދިސާއާ ގުޅިގެން އެކި މީހުންނަށް އެކި ތަސައްވަރު ކުރެވޭތީ އެންމެން ގަބޫލުކުރާ ފަދަ ކޮމިޝަނެއް އެ ދުވަހުގެ ކަންކަން ތަހުގީގު ކުރުމަށް އެމަނިކުފާނު އުފެއްދެވި ކަމަށާއި އެކޮމިޝަނުގައި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި އަދި ދިވެހި މުޖުތަމައުގައި ހިމެނޭ އެންމެ ގަދަރު އުފުލިގެންވާ ފަރާތްތައް ހިމަނުއްވާފައިވާ ކަމަށާއި އަދި ހިޔާލުތަފާތުވާ ފަރާތްތަކުގެ މަންދޫބަކު ވެސް ހިމެނޭ ކަމަށެވެ.
"އެހެންވީމާ ހުރިހާ އެންމެންނަށް ގަބޫލުކުރެވޭ ހުރިހާ އެންމެންނަށް އިތުބާރުކުރެވޭ ސިފައެއްގައި ކޮމިޝަނެއް އެކުލަވާލެވި އެކޮމިޝަނުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް މިއަންނަނީ. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މިހިނގައި ދިޔަ ކަންތައްތަކުގެ ހަގީގަތް ރަސްމީގޮތުން ހަގީގަތަކަށް ވާނީ ކޮމިޝަނުން ނިންމާގޮތެއް،" ރައީސް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމުރާން އަބްދުﷲ ވިދާޅުވީ ފެބުރުއަރީ 7 ވަނަ ދުވަހުގެ ހާދިސާ އަކީ ރާއްޖޭގެ ތާރީހަށް ބޮޑު ބަދަލުތަކެއް ގެނެސްދިން ސަފުހާއެއް ކަމަށާއި އެގޮތުން އެ ޕާޓީން އެފަދަ ކަމެއް ރައްޔިތުންނާ ހަމައަށް ގެނެސްދެނީ ފަންނުވެރި ގޮތަކަށް ކުރެހުންތަކެއްގެ ސިފާގައި ކަމަށެވެ.
"އަދާލަތު ޕާޓީއަކީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ހަމަތަކުގެ މަތިން އިސްލާމް ދީން އަންގައިދޭ ރިވެތި އުސޫލުތަކާއި އެކުގައި މުޖުތަމައުގައި މަސްލަހަތާއި އަމާންކަމާއި އަދި ހަމެޖެހުން ތަމްސީލްކުރުމަށް ޓަކައި ހަމަޖެހޭ އުސޫލްތަކުގެ ތެރެއިން ފަންނު ވެރިކަމާއި ހުނަރުވެރިކަން ދައްކައިދިނުމުގެ އެންމެ މަތިވެރި އުސޫލު ހިފަހައްޓާ ބައެއްކަން އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޓަކައި ކުރެހުމުގެ މައުރަޒު ބޭއްވިގެން މިދަނީ،" އިމްރާނު ވިދާޅުވި އެވެ.
އަދާލަތު ޕަޓީން މިއަދު ހުޅުވި ކުރެހުމުގެ މައުރަޒުގައި 60 ކުރެހުން ބަހައްޓާފައިވެ އެވެ. އެ ކުރެހުންތައް ހުރީ ފެބުރުއަރީ 6 އަދި 7ގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބަޔާންކޮށްދޭ ވާހަކައެއްގެ ސިފައިގަ އެވެ. ކޮންމެ ކުރެހުމެއް އެކުރެހުމަކާ ގުޅޭ ތަފްސީލު މައުލޫމާތުތައް ވަނީ ހިމަނާފަ އެވެ. މިކުރެހުންތައް ކުރަހާފައި ވަނީ އަދާލަތު ޕާޓީގެ މެންބަރެއް ކަމަށްވާ އަހުމަދު ޝިރުހާނެވެ.