13 Dec 2025, 19:00
ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ)ގެ ކުޑަ އޮޕަރޭޝަނެއް ކުރަމުން އަންނަ ކަމަށް، އެމްޑީޕީން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު، މަސްވެރިންގެ އިހުތިޖާޖުގައި ފުލުހުން މަޢުރޫފާއި، ހައްޔަރުކުރި މަސްވެރިންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ.
ފުލުހުން މަޢުރޫފް ހައްޔަރުކުރި ވަގުތު، ސިޑިމަތިން އޭނާ ދަމައިފަ ބާލާ މަންޒަރާއި ދަމައިފަ ގެންދާ މަންޒަރު އަދިވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، މަޢުރޫފުގެ ކުޑަ އޮޕަރޭޝަނެއް އައިޖީއެމްއެޗުގައި މިވަގުތު ކުރިއަށްދާ ކަމަށެވެ.
"ހަމަ ގައިމުވެސް މިއަދުން މިހާރުން މިހާރަށް ސާޖަރީއެއް ހަދަންޖެހޭ،" ޒިޔާދު ވިދާޅުވިއެވެ.
މަޢުރޫފް އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ މިއަދުގެ ހެނދުނުއެވެ.
ޒިޔާދު ވިދާޅުވީ އައިޖީއެމްއެޗުގައި މަޢުރޫފްގެ ކުޑަ އޮޕަރޭޝަނެއް ކުރަނީ މަޢުރޫފަށް ލިބުނު އަނިޔާއަކާ ގުޅިގެން ލޭ މަނާ ނުވުމުން ކަމަށެވެ. މަޢުރޫފަށް އެ އަނިޔާ ލިބުނީ މަޢުރޫފް ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު ސިޑިމަތިން ދަމައިފައި ބޭލި ވަގުތު ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މަޢުރޫފާއި މަސްވެރިން ހައްޔަރުކޮށް ބަންދުކުރުމުން އެ މީހުން ދޫކޮށްލަން ގޮވާލައި އެމްޑީޕީން ވަނީ ރޭ ކުއްލި ހަރަކާތެއް ފަށައިފައެވެ. ޒިޔާދު ވިދާޅުވީ ހައްޔަރުކުރި އެންމެން ދޫކޮށްލަންދެން އެ ހަރަކާތް ކުރިއަށް ދާނެ ކަމަށެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ފެށީ، މިދިޔަ ބުދަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރެވެ.
އެ ޔޫނިއަނުން ވަނީ, ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމާއި ސަރުކާރުގެ ވާހަކައާ އަމަލާ ދިމާނުވާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.
އެ އިހުތިޖާޖުގެ ތެރެއިން މެންބަރު މައުރޫފާއި އިތުރު ދެ މީހަކު ހައްޔަރުކުރިއެވެ.
މައުރޫފްގެ ބަންދަށް މުއްދަތު ޖެހީ، ކްރިމިނަލް ކޯޓު ސަރަހައްދުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ކުރަނިކޮށެވެ. އެ ސަރަހައްދުގައި، އެމްޑީޕީގެ މެމްބަރުން ވެސް ހަރަކާތްތެރިވިއެވެ.
ސަރުކާރުގެ ވައުދުތައް ފާހަގަކޮށް، އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި ގޮވާލަމުން އައިކަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރެއެވެ. އަދި، އެކި މަޝްވަރާ ބައްދަލުވުންތައް ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ނެރެފައިވާނެ ކަމަށްވެސް ބުންޏެވެ.
ޑިމާންޑުތަކަށް ޖަވާބު ނުލިބޭކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖުކުރަނިކޮށް 'އެކްސް'ގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޮޑު ކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑު ކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކައިފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުން ކަމަށާއި، މަސްވެރިކަން ރަނގަޅުވާއިރު، ބޮޑު ކަންނެލީގެ އަގުދަށްވުން ކަމަށެވެ.
އެކަން ހައްލުކުރުމަށް ބޮޑު ކަންނެލި މަސްވެރިން އެދެނީ ސަރުކާރުން އެ ކަމަަށް ވަދެ، ވިޔަފާރި ފުޅާކުރަން ކަމާއި، ސަރުކާރުން ވީ ވައުދުތައް އަވަހަށް ފުއްދަން ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.