އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ ފަސް ވަނާގައި ހަތަރު ޕޮއިންޓާއެކު މިވަގުތު އޮތް މެންޗެސްޓާ ސިޓީގެ މަޗަށް ލިވަޕޫލުން ކުރި ހޯދައިފައި ވަނިކޮށް ސިޓީގެ އާޖެންޓީނާ ފޯވަޑް ކާލޯސް ޓެވޭޒް މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދިން ލަނޑާއެކު ދެ ޓީމް 2-2 އިން އެއްވަރުވެގެން ނިމެއްޖެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ހޯދީ ލިވަޕޫލުންނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 28 އަހަރުގެ ސްލޮވާކިޔާގެ ތަޖުރިބާކަރު ޑިފެންޑަރު ސްކާޓަލްއެވެ. މިނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0 ލަނޑުން ލިވަޕޫލުގެ އަތުގައި މެޗުގެ ކޮންޓްރޯލް އޮވެގެންނެވެ.

ލިވަޕޫލްގެ މައްޗަށް ސިޓީއިން ނަތީޖާ ހަމަހަމަ ކުރި ލަނޑު އެޓީމުން ޖެހީ ދެ ވަނަ ހާފުގެ 63 ވަނަ މިނެޓުގައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔާޔާ ޓޫރޭ އެވެ. އެހެން ނަމަވެސް އޭގެ ތިން މިނެޓް ފަހުން ލިވަޕޫލްގެ 25 އަހަރުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ލަނޑެއް ކާމިޔާބު ކޮށްދީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދަދިނެވެ.

ޕެނަލްޓީ އެރިޔާގެ ބޭރުން ލިބުނު ހިލޭޖެހުމަކުން ސުއަރޭޒް ލިވަޕޫލަށް ކާމިޔާބު ކޮށްދިން ހިތްގައިމު ގޯލާއެކު 2-1 އިން އެޓީމް މޮޅުވާން ދަނިކޮށް، ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޓެވޭޒް ކާމިޔާބު ކޮށްދިނީ މެޗުގެ 80 ވަނަ މިނެޓުގެ ތެރޭގައެވެ. އެހެން ކަމުން މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުނުއިރު ނަތީޖާ ނިކުތީ ދެ ޓީމް ވެސް 2-2 އިން އެއްވަރު ވެގެންނެވެ.

ޕޮއިންޓަކުން ފުއްދާލަން ޖެހުނު މެޗަށްފަހު، ލިވަޕޫލްގެ އާ ކޯޗު ބްރެންޑަން ރޮޖާސް ބުނީ، މެޗުގެ 80 ވަނަ މިނެޓާ ހަމައަށް ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ މޮޅު ކުޅުމެއް ކަމަށާއި އެހެން ނަމަވެސް މެޗުން މޮޅު ނުވެވުނީ ޑިފެންޑަރު ސްކާޓަލް އަށް ހެދުނު ބޮޑު ގޯހެއްގެ ސަބަބުން ކަމަށެވެ

"ޓީމުގެ ކުޅުން މޮޅު. ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނު. މެޗުން އަހަރުމެން އޮތީ މޮޅުވެފަ. އެކަމަކު ފަހު ވަގުތު ހެދުނު ގޯހެއްގެ ސަބަބުން ޕޮއިންޓަކުން ފުއްދާލަން މިޖެހުނީ" ލިވަޕޫލްގެ އާ ކޯޗު ބްރެންޑަން ބުންޏެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނީ ލިވަޕޫލް އަތުން ބަލިނުވެ މެޗް ނިންމާލެވުމުން ހިތް ހަމަޖެހޭ ކަމަށާއި މެޗުގެ ފަހުވަގުތާ ހަމައަށް ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ.

މީގެއިތުރުން ލީގުގައި ރޭ އާސެނަލް ދެކޮޅަށް ސްޓޯކް ސިޓީ ކުޅުނު މެޗް ނިމުނީ ދެ ޓީމްކުރެ އެއް ޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ލީގުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރެއެވެ. އެގޮތުން އެރޭ ޖުމްލަ ހަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.