13 Dec 2025, 13:17
ފުލުހުން ހިފެހެއްޓި ފޯނެއް އަނބުރާ ނުދިން މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ކޯޓުން ފުލުހުންނާ ދެކޮޅަށް މައްސަލަ ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން އާންމުކުރި ޤަޟިއްޔާގައިވާ ގޮތުގައި ކޯޓު އަމުރުގެ ދަށުން ފުލުހުން ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ ފިރިހެނެއްގެ ފޯން އަތުލީ ނިމުނު އޮކްޓޫބަރު މަހުގެ އެކާވީސް ވަނަ ދުވަހެވެ. އަދި އެ ފޯން އެ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމުން އެ ފިރިހެން މީހާ އެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ.
ކޯޓުން މައްސަލަ ނިންމި ގޮތުގައިވާ ގޮތުން، އެ މައްސަލައިގައި ފުލުހުންގެ ޖަވާބަކަށް އެދުމުން، އެ މުއައްސަސާއިން ވަނީ ފޯނު އަނބުރާ ރައްދުކޮށްދީފައިވާ ކަމަށް ބުނެފައެވެ. ފުލުހުން ފޯނު އަނބުރާ ރައްދުކޮށްދީފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ކަމަށް ޤަޟިއްޔާގައިވެއެވެ.
އެހެންވެ، އަމުރަށް އެދުނު މައްސަލަ ބާތިލް ކޮށްދޭން ހުށަހެޅި ފަރާތުން އެދިފައިވާތީ ކޯޓުން އެ މައްސަލަ މިހާރު ވަނީ ބޭރުކޮށްލައިފައެވެ.
މީގެ ކުރިން ވެސް ފުލުހުން ހިފެހެއްޓި ފޯނެއްގެ މައްސަލައެއްގައި، އެ މުއައްސަސާއާ ދެކޮޅަށް ކޯޓުން އަމުރު ނެރެފައިވެއެވެ. އެގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނު ހިފަހައްޓާފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ފަސް ދުވަހުގެ ތެރޭގައި އެ ފޯނު ވެރިމީހާއަށް ހަވާލު ކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.