ފެބްރުއަރީ އަށް ވަނަ ދުވަހު ފުލުހުންގެ މުއައްސަސާ އޮތީ ޖަޒުބާތުގައި ނޫން ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ ވިދާޅުވީ ފެބްރުއަރީ އަށްވަނަ ދުވަހު ހިންގި ހަމަ ނުޖެހުންތަކުގައި ފުލުހުންގެ މުޅި މުއައްސަސާ އޮތީ "ޖަޒްބާތުގައި" ޖެހިފައި ނޫން ކަމަށާއި ނަމަވެސް މަދު ފުލުހުން ކޮޅެއް ފަހަރެއްގައި އެދުވަހު ޖަޒްބާތުގައި ޖެހިފައި ތިބީކަމަށް ވެދާނެ ކަމަށެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު އެސިސްޓެންޓް ކޮމިޝަނާގެ މަގާމުގައި ހުންނެވި ހަސަން ވަހީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާ ޖަޒްބާތުގައި ޖެހިގެން އެއްވެސް އިރެގައި ކަމެއް ކޮށްފައިވާ ކަމަށް ގާބޫލު ނުކުރައްވާ ކަމަށެވެ.

"ފަހަރެއްގައި މަދު މަދުން ކުދި ބަޔަކު ތިބެދާނެ. ނަމަވެސް ޖުމްލަގޮތެއްގައި އެ ވިދާޅުވާ [ފެބްރުއަރީ އަށްވަނަ] ދުވަހު ވެސް މޯލްޑްވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވެފައި އޮތީ އެބުނާ އިމޯޝަނަލީ ޗާޖްވެފައި ތިބެގެނެއް ނޫން."

ޑެޕިއުޓީ ކޮމިޝަނާ ވިދާޅުވީ އެޗްއާރުސީއެމްގެ ރިޕޯޓުގައި ފުލުހުންގެ ތެރެއިން ބައެއް މީހުން "އިމޯޝަނަލީ ޗާޖް" ވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެ ރިޕޯޓަށް އިހްތިރާމް ކުރައްވާ ކަމަށާއި އެދުވަހު މަދު ފުލުހުންތަކެއް "ޖަޒްބާތު"ގައި ޖެހިފައިތިބީ ކަމަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެނެއް ޖަޒްބާތުގައި ޖެހިގެނެއް އެއްވެސް ކަހަލަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަކަށް،" ޑިޕިއުޓީ ކޮމިޝަނާ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ އަށް ވަނަ ދުވަހު ހިނގި ހަމަ ނުޖެހުންތަކުގައި ހިންގާފައިވާ އިންސާނިޔަތާއި ހިލާފް އަމަލުތަކާއި ގުޅޭގޮތުން އެޗްއާރުސީއެމުން ނރުނު ރިޕޯޓްގައި ފުލުހުން ލާއިންސާނީ އަމަލުތަކެއް ހިންގާފައިވަނީ "އިމޯޝަނަލީ ޗާޖް" ވެފައި ތިބެގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ރިޕޯޓްގައި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ފުލުހުން އެ ދުވަހު "ޖަޒުބާތީ" ވި ނަމަ ކަންތައްތައް ނިމިގެން ދިޔައީ އެއަށްވުރެ އުނދަގޫ ގޮތަކަށް ކަމަށެވެ.

"އެކަމަކު އެ ދުވަހު ކަންތައްތައް ނިމިގެން ދިޔައީ އެއަށްވުރެ ހިތް ފަސޭހަކޮށް. އެ ބުނާކަހަލަ އިމޯޝަނަލް ސްޓޭޓަސްއެއްގައި ފުލުހުން ތިބި ނަމަ ކަންތައްތައް ނިމޭނީ ވަރަށް އުނދަގުލުން،" އޭނާ ވިދާޅުވި އެވެ. ފުލުހުން "ޖަޒްބާތު"ގައި ނުޖެހޭނެ ކަމަށްވެސް އެނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖަޒުބާތީއެއް ނުވާނަން. އެއީ އަޅުގަނޑުމެން ގެންގުޅޭނެ ލަފްޒެއް ނޫން،"

ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލެ އެމްއެމްއޭ ސަރަހައްދަށް އެއްވި ވަގުތު އެ ސަރައްދުން މީހުން ފޮނުވާލުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އިންސާނިޔަތާއި ހިލާފަށް ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.