27 Aug 2012, 12:13
ޏ.ފުވައްމުލަކުގެ ފުނާޑު އަވަށުގެ ދެކުނު ފަރާތުގެ މޫދުގައި 47 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުނާޑު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އަބްދުﷲ މިއަދު ވިދާޅުވީ މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ރަށު ބްލޫހައުސް ހައްވާ ޝަރީފާ ކަމަށާއި އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ ހެނދުނު 11:30 ހާއިރު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލަރު ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ އެ އަންހެންމީހާ މޫދަށް އެރިއުޅުނީ ކީއްކުރަން ކަމެއް އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެ އަންހެން މީހާއަކީ ކޮންމެވެސް ވަރަކަށް ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އަންހެން މީހާއަކީ ކޮންމެވެސް ވަރަކަށް ސިކުނޑީގެ މައްސަލަ އުޅޭ މީހެއް. މިރަށުގައެއް ނޫން އޭނާ އާއްމު ގޮތެއްގައި އުޅެނީކީއެއް. ދުވަސް ކޮޅެއް ވެއްޖެ ރަށުގައި އުޅޭތާ،" އަބްދުﷲ ވިދާޅުވި އެވެ.
ފުމުވައްމުލަކު ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު ސިއާނާ ނަސީރު މިއަދު ވިދާޅުވީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އޭނާ މޫދުގައި އޮންނަތާ އެހާ ގިނައިރުތަކެއް ވެފައި ނުވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިއުމުގެ އެއްގަޑި އިރު ކުރިން ރަށު ތެރޭގައި އުޅެނިކޮށް އެ ރަށު މީހުންނަށް ވަނީ ފެނިފަ އެވެ.