ނެހެރޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ސީރިއާ އަތުން މޮޅުވުމަށް ދިވެހި ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ އެއް އަޒުމެއްގައި ކަމަށް ޓީމުގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) މިއަދު ބުނެފި އެވެ.

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ރާއްޖެއާ ދެކޮޅަށް ސީރިއާ ބައްދަލުކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން މިއަދު 18:30 ގައެވެ.

ސީރިއާ އާއި ދެކޮޅަށް ނިކުތުމުގެ ކުރިން ނިއު ދިއްލީގައި ހުރެ މިއަދު ސަންއޮންލައިނާ ފޯނުން ވާހަކަ ދައްކަމުން އާމިރު ބުނީ، މިއަދުގެ މެޗަށް ނިކުންނައިރު ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ ވަރަށް ފިޓްކޮން ކަމަށާއި މިއަދުގެ މެޗުގައި ނުކުޅެވޭވަރުގެ އެއްވެސް ކުޅުންތެރިއަކު ނެތް ކަމަށެވެ.

"ސިރިއާ އާއި ދެކޮޅަށް ނިކުންނައިރު ނުކުޅެވޭ ވަރުގެ އެއްވެސް ކުޅުންތެރިއަކު ޓިމަކު ނެތް. ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ފިޓްކޮށް. ދިވެހި ހުރިހާ ކުޅުންތެރިން ވެސް ތިބީ ސީރިއާ އަތުން މޮޅެއް ހޯދުމުގެ އުންމީދުގައި،" މެނޭޖަރު ބުންޏެވެ.

މެނޭޖަރު ބުނީ، ސީރިއާ އާއި ދެކޮޅަށް ނިކުންނައިރު ނިއު ދިއްލީގެ މޫސުން މިއަދު ރަނގަޅު ކަމަށާއި އެހެން ކަމުން މިއަދުގެ މެޗާ ދިވެހި ޓީމުން ކުރިމަތިލާނީ މިމުބާރާތުގައި ދިވެހި ޓީމް މީގެ ކުރިން ކުޅުނު ދެ މެޗަށް ވުރެވެސް އިތުރު ހިތްވަރަކާއެކު މޮޅެއް ހޯދުމަށް ކަމަށެވެ.

މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗް 2-1 ލަނޑުން ނޭޕާލް އަތުން މޮޅުވިއިރު، ދެ ވަނަ މެޗުން ރާއްޖެ ބަލިވީ މުބާރާތް ބާއްވާ އިންޑިއާ އާއި ދެކޮޅަށް ކުޅެ 3-0 ލަނޑުންނެވެ. އަދި ރާއްޖެއާ ދެކޮޅަށް މިއަދު ނިކުންނަ ސީރިއާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 2-1 ލަނޑުން ބަލިވިއިރު، ދެ ވަނަ މެޗުން ސިރިއާ ވަނީ ކެމަރޫނާ ދެކޮޅަށް ކުޅެ 2-2 ލަނޑުން އެއްވަރު ވެފައެވެ.

ސީރިއާ އާއި ދެކޮލަށް ރާއްޖެ މިއަދު ނިކުންނައިރު އަދި މިވީހާތަނަކަށް ރާއްޖެއަށް ސީރިއާ އަތުން މޮޅެއް ލިބިފައެއް ނުވެއެވެ. އެގޮތުން ސީރިއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައި ގައި 1998 ވަނަ އަހަރު ރާއްޖެ ކުޅުނު ދެ މެޗުން ވެސް ބަލިވެފައި ވަނީ 12-0 ލަނޑުންނެވެ. އަދި 2000 ވަނަ އަހަރުގެ އޭސިއަން ކޮލިފިކޭޝަންގައި ސިރިއާ އާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 6-0 ލަނޑުން ރާއްޖެ ބަލިވިއިރު، ދެ ވަނަ މެޗުން ރާއްޖެ ބަލިވީ 2-1 ލަނޑުންނެވެ.

މިއަދުގެ މެޗާ ރާއްޖެ ކުރިމަތިލާއިރު، މުބާރާތުގައި ރާއްޖެ އޮތީ ތިން ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ. އަދި ސީރިއާ އޮތީ އެއް ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ. ގްރޫޕްގެ އެއް ވަނާގައި ހަ ޕޮއިންޓާއެކު އިންޑިޔާ އޮތްއިރު، ދެ ވަނަގާއި އޮތީ ހަތަރު ޕޮއިންޓާއެކު އޮތް ކެމަރޫނެވެ. އަދި އެންމެ ފުލުގައި އޮތީ މުބާރާތުގައި މިހާތަނާށް ދެމެޗް ކުޅެ އެއްވެސް މެޗަކުން މޮޅެއް ލިބިފައި ނުވާ އަވައްޓެރި ނޭޕާލެވެ.

އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ބާއްވާ މިމުބާރާތުގައި ރާއްޖެ ކުޅެން ޖެހޭ ފަހު މެޗުގައި ބައްދަލުކުރާނީ ކެމަރޫނާ ދެކޮޅަށެވެ. މިމެޗު ކުޅޭނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި ކެމަރޫން އަދި ސީރިއާ ވާދަކުރާ މި މުބާރާތުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލަށް ދަތުރު ކުރާނެވެ. އަދި މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

މިއީ މި އަހަރު ރާއްޖޭން ވާދަކުރާނެ ހަމައެކަނި ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަށްވާ އިރު ނެހެރޫ ކަޕަކީ އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 1982 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.