16:15


ސިޔާސީ އެއްވެސް ނުފޫޒަކަށް އަދި އެނޫން ނުފޫޒަކަށް ވެސް ޖުޑީޝަރީގެ ދޮރު ހުޅުވައި ނުދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި ގާއިމުކޮށްފައިވާ ވެރިކަމުގެ އާ ނިޒާމުގެ ދަށުން އުފެދުނު ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައިގަތް ފަހުން އެ މަނިކުފާނު މީޑިއާ އަށް ދެއްވި ފުރަތަމަ އިންޓަވިއު ސަންއެފްއެމް އޮންލައިނަށް ދެއްވަމުންނެވެ.


އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސިޔާސީ ނުފޫޒަކަށް އަދި އެހެން އެއްވެސް ބާރަކަށް ވެސް ޖުޑީޝަރީގެ ދޮރު ހުޅުވައި ނުދެއްވާނެ ކަމަށާއި ކުރިން ވެސް މަސައްކަތް ކުރެއްވެވީ އެއް ވެސް ނުފޫޒެއްގެ އޮވެ، ނޫފޫޒެއްގެ ދަށުވެގެން ނޫން ކަމަށެވެ. ދެން ވެސް މަސައްކަތަ ކުރައްވާނީ ވެސް އެއްވެސް ނޫފޫޒަކާ ނުލައި ކަމަށެވެ.


"ކުރިން ސުޕްރީމް ކޯޓްގައި އޮތީ ފަސް ބޭފުޅުންގެ ބެންޗެއް މިހާރު މިއޮތީ ހަތް ބޭފުޅުންގެ، ގާބިލު ވަރުގަދަ ބެންޗެއް. އަޅުގަނޑުމެނަށް ހަމަ އެއްވެސް ނުފޫޒެއް ނުފޯރުވޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 


ރާއްޖޭގެ މުޅި ޝަރުއީ ދާއިރާގެ އެއްވެސް ކޯޓަކަށް ސިޔާސީ ނުފޫޒު ނުވެއްއްދޭނެ ކަމަށާއި އެފަދަ ނުފޫޒުތައް ވަންނަން ނުވެސް ޖެހޭނެ ކަމަށް އިޝާރާތް ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސިޔާސީ ނުފޫޒަކީ ސުޕްރީމް ކޯޓްގައި މިހާރު އޮތް ބެންޗުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.


"އަޅުގަނޑުމެން ފުރުސަތެއް ނުދޭނަނަން، އެ ދޮރެއް އަޅުގަނޑު ނުވެސް ހުޅުވާނަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. "ސިޔާސީ ނޫފޫޒަށް، އަދި އެނޫން ބާރާއި ނުފޫޒުތަކަށް ވެސް ޝަރުއީދާއިރާގެ ހުރިހާ ދޮރެން  ބަހައްޓާނީ ބަންދުކޮށްފައި،"  


ފާއިޒު ވިދާޅުވި ގޮތުގައި މުޅި ޝަރުއީ ދާއިރާ އާއި އެދާއިރާގެ ފަނޑިޔާރުންނާއި އެންމެންނަށް  ނުފޫޒު ފޯރުވޭނެ ހަމައެކަނި އެއްޗަކީ ހެދިފައިވާ ގާނޫނުތަކާއި އިސްލާމީ ޝަރީއަތް ކަމަށާއި އެނޫން މަގެއް ޝަރުއީދާއިރާގެ ބޭފުޅުން ހިޔާރެއް ނުކުރައްވާނެ އެވެ.


"ޝަރީއަތް ކުރުމުގައި މުޅި ޝަރުއީދާރާ، އަދި އަޅުގަނޑުވެސް ބުރަވާނީ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އިސްލާމީ ޝަރީއަތް ފަދަ މަސްދަރުތަކަށް. އެނޫން އެހެން އެއްވެސް ނުފޫޒަކަށް އަޅުގަނޑުގެ ކުރިމައްޗަށް ނާދެވޭނެ. އެ ފުރުސަތެއް ނުދޭނަން،"


ސްޕްރީމް ކޯޓްގައި މިހާރު އޮތް ބެންޗާ ބެހޭ ގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިހާރު އޮތް ބެންޗަކީ ވަރަށް ގާބިލް، ތަޖުރިބާކާރު އިލްމީ ފެންވަރު ވެސް މަތި، ބެންޗެއް ކަމަށާއި އެއާ ދޭތެރޭ އެމަނިކުފާނު އެއްވެސް ޝައްކެތް ނުކުރައްވާ ކަމަށެވެ.


"އެބޭފުޅުންނާއި އެބޭފުޅުންގެ މަސައްކަތަށް އަޅުގަނޑު 100 ޕަސެންޓް އިތުބާރު ކުރަން. އަދި ހަމައެހާ ޔަގީންކަން ވެސް ބޮޑު. މިހާ ގާބިލު ބެންޗަކާ އެކު މަސައްކަތް ކުރަން ލިބުނުކަން އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އަޅުގަނޑުވެސް މިއީ އެ  ބެންޗުގައި ހިމެނޭ އެއް މެންބަރު، އަޅުގަނޑު އެބޭފުޅުންނާ އިސްތިސްނާއެއް ނުވޭ.  ބެންޗު ހަމަވަނީ ވަނީ ހަތް މީހުން ވީމަ، އޭގެތެރެއިން އެކަކު އަޅުގަނޑަކީ ވެސް ތަފާތަކީ ރިޔާސަތު އަޅުގަނޑު ބަލަހައްޓާކަން. އެހެންނޫނީ އަޅުގަނޑަކީވެސް ބެންޗުގައި ހިމެނޭ އެކަކު،" ފާއިޒު ވިދާޅުވި އެވެ. ­­­­­­­