ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން އުފައްދަވާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ)ގެ ރިޕޯޓާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ރަސްމިކޮށް ދައުވަދުދެއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސިޔާސީ ޕާޓީތަކުގެ އެ ބައްދަލުވުން އޮންނާނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރު ކަމަށާއި އެ ބައްދަލުވުމުގެ ދައުވަތު ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ރައީސް ވަހީދު އިއްޔެ ފޮނުއްވައިފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި ބާއްވާ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ދައުވަތު ދެއްވާފައިވާ ޕާޓީތަކަކީ އެމްޑީޕީ އާއި ޑީއާރުޕީ އާއި ޕީޕީއެމް އާއި ގައުމީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ޕީޕަލްސް އެލަޔަންސްގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު ބާއްވާ އެ މަޝްވަރާތަކަކީ ރައީސް ވަހީދު ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ބާއްވާނެ ކަމަށް އިޢުލާންކުރެއްވި ބައްދަލުމެކެވެ. އެ ބައްދަލުވުން ބާއްވާނީ ކޯނީގެ ރިޕޯޓް ނެރުމަށް ފަހު ކަމަށާއި އެބައްދަލުވުމުގައި ހުރިހާ ޕާޓީތަކުން ވެސް ބައިވެރިވުމަށް ރައީސް ވަހީދު ވަނީ ގޮވާލައްވައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ވެރިންގެ އެ ބައްދަލުވުމަށް ޕީޕީއެމުން އިޖާބަދެއްވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.