27 Aug 2012, 11:55
ދިވެހި ރާއްޖޭގެ ކެރިއާ ސުޓޭޓަސް މޯލްޑިވްސް، ނޫނީ ގައުމީ އެއާލައިންގެ މަގާމު، ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން އައިލެންޑް އޭވިއޭޝަނަށް ދީފި އެވެ.
މިއަދު ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސުޓޭޓަސް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްދެއްވީ މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ޑރ. އަހުމަދު ޝަމްހީދު އެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެ އެވޯޑާ ހަވާލުވީ ކުންފުނީގެ ބޯޑު ޗެއާމަން ބަންދު އިބްރާހިމް ސަލީމެވެ.
އެވޯޑް ހަވާލުކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަމްހީދު ވިދާޅުވީ މިއަދު އައިލެންޑް އޭވިއޭޝަނަށް ދިން އެވޯޑަކީ ދިވެހިރާއްޖޭގައި ގައުމީ ބައިނަލްއަގުވާމީ އެއާލައިނެއްގެ މަސައްކަތް ހުއްޓިފައި އޮއްވައި އަލުން ފެށުން ކަމަށެވެ. އަދި ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން އަލަށް ގެނައުމަށް ހަމަޖެހިފައިވާ އެއާބަސް އޭ 320ގެ ފްލައިޓްގެ ސަބަބުން ދެކެމުންއައި ނެޝަނަލް އެއާލައިނެއްގެ އުއްމީދު ހާސިލްވެގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ އެ ކުންފުނިން ބައިނަލްއަގުވާމީ ދަތުރުތައް ފެށުމުގެ އުންމީދަކީ މީގެ 12 އަހަރު ކުރިން ފެށިގެން ކުރަމުން އައި އުންމީދެއް ކަމަށާއި އެކަންކަމުގައި ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކުންފުނިން ނެޝަނަލް ކެރިއާ ސުޓޭޓަސް ދަމަހައްޓައި ރައްކާތެރިކޮށް ހިމާޔަތްކޮށް އެކަން ވަޒަންކުރާނެ ކަމަށެވެ.
"ސްރީލަންކާގައި އެއާލަންކާ، އިންޑިއާގައި އެއާ އިންޑިއާ، ޔުނައިޓެޑް އަރަބި އެމިރޭޓުސްގައި އިއްތިހާދު، މިފެންވަރުގައި އަޅުގަނޑުމެން މަސައްކަތް ކުރަން ފެށީމާވާގޮތަކީ އެއާޕޯޓްތަކުންނާއި ބައިލެޓްރަލް އެގްރިމެންޓްތަކުގައި ޓިކެޓް އެއްޗެތި ވިއްކުމުގައި ކުލިއަރެންސްގައި ޕުރިފަރެއްސެއްދެވޭ ވާހަކައަކީ އެހެން އެއާލައިންތައް ވެސް އަޅުގަނޑުމެނާ އެއްވަރަށް ރިކޮގްނައިޒްކޮށް އަޅުގަނޑުމެނަށް ކިތަންމެ ކަމެއް ފަސޭހަވެގެންދާނެ. ނެޝަނަލް ކެރިއާ ސުޓޭޓަސް ލިބުނީމާ ވާގޮތަކީ އެއާޕޯޓްތަކުން ގިނަ ފެސިލިޓީތަކެއް ލިބޭނެ،"ބަންދު އިބްރާހިމް ސަލީމް ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނަށް ނެޝަނަލް ކެރިއާ ސުޓޭޓަސް ލިބިފައިވާ އިރު އެ ކުންފުނިން ވަނީ އެ ކުންފުންޏަށް އަލަށް ގެނައުމަށް ހަމަޖައްސާފައިވާ އެއާބަސް އޭ 320ގެ މަތިންދާބޯޓު މިއަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ގެނައުމަށް ނިންމާފަ އެވެ. އަދި އެބޯޓް ގެނައުމާ އެކު މޯލްޑިވިއަން އާ މަންޒިލްތަކަށް ދަތުރުފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިންޑިއާގެ މުންބާއީ އާއި ޗެންނާއީ އާއި ބަގުލަދޭޝްގެ ވެރިރަށް ޑާކާ އަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަންނަ އަހަރުގެ ތެރޭގައި އިންޑިއާގެ ވެރިރަށް ދިއްލީ އަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކޮނަމިކް މިނިސްޓަރު އަހުމަދު މުހައްމަދާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ބައިވެރިވެވަޑައިގަތެވެ.