ބޮކްސާ ތެރޭ މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މައްސަލައެއްގައި، ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައިވާ ގޮތުން، މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ތުހުމަތުގައި އިއްޔެ 19 އަހަރުގެ ޒުވާނަކު އެ ކޯޓަށް ހާޒިރުކޮށްފައިވެއެވެ.

އެ އަމުރުގައިވާ ގޮތުން، އޭނާގެ ހަށިގަނޑާއި ބޮކްސާ ދޭތެރެއިން 11 ރަބަރު ޕެކެޓު މަސްތުވާތަކެތި ފެނިފައިވެއެވެ. އެ ތަކެއްޗަކީ އޭނާ ބޭނުންކުރަން ގަނެފައިވާ ތަކެތި ކަމަށް އޭނާ ބުނި ކަމަށް އަމުރުގައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އެ ޒުވާނާގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. އަދި އޭނާއަކީ ކުރިން ވެސް ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައިގައި، ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅައިފައިވާ ކަމަށާއި އެގޮތުން ފުލުހުން ބަޔާނެއް ހުށަހަޅައިފައިވާ ކަމަށް އަމުރުގައިވެއެވެ.

އެހެންވެ، އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ ކުރިން ވެސް، މަސްތުވާތަކެތި ފޮރުވުމަށް އަންނައުނުގައި، ޚާއްސަކޮށް ބޮކްސާ ތެރޭގައި ފޮރުވައިގެން އުޅުނު މައްސަލަތައް ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި، ރާއްޖެއަށް ވަގަށް މަސްތުވާތަކެތި އެތެރެކުރުމަށް ބޮކްސާ ތެރޭ މަސްތުވާތަކެތި ފޮރުވައިގެން އެތެރެވެފައިވާ މީހުން ހިމެނެއެވެ.

އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު، ރާއްޖެ އައިއިރު ބޮކްސާ ތެރެއިން ޑުރަގު ފެނިގެން ހައްޔަރުކުރި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެއެވެ. އޭގެ ކުރިން، މެލޭޝިއާއިން ރާއްޖެ އައިއިރު ބޮކްސާ ތެރޭ ފޮރުވައިގެން ގިނަ އެކި ބާވަތުގެ މަސްތުވާތަކެތި ގެނައި ކަމަށް ތުހުމަތުވާ މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ.