27 Aug 2012, 11:28
ދެހާސް ނުވަ ވަނަ އަހަރު އަގުއޮޅުވާލައިގެން ރާއްޖެ އަށް ކްރޭނެއް އެތެރެކުރުމުން ސެންޓާ އެންޓަޕްރައިޒަސް ޖޫރިމަނާ ކުރުމުން އެ ފައިސާ އެކުންފުނިން ދައްކާފައި ނުވާތީ އެއް މަސް ދުވަސްތެރޭގައި އެ ފައިސާ ކަސްޓަމަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދެހާސް ނުވަ ވަނަ އަހަރު ސެންޓާ އެންޓަޕްރައިޒަސް އިން ރާއްޖެ އެތެރެ ކުރި ކްރޭނެއްގެ އަގު ފާސްކުރުމަށް ފަހު ޑިއުޓީ ދެއްކުމަށްޓަކައި އެ ކުންފުނިން އެއާ ގުޅޭ ލިޔުންތައް ކަސްޓަމަށް ހުށަހެޅި އިރު އޭގެ ހަމަ އަގަށް ވުރެ ދަށްއަގެއް ހުށަހެޅުމުން އިމްޕޯޓް އެކްސްޕޯޓު ގާނޫނުގެ ދަށުން ކަސްޓަމުން ވަނީ 5.9 މިލިއަން ރުފިޔާ އިން އެ ކުންފުނި ޖޫރިމަނާކޮށްފަ އެވެ.
މީގެ އިތުރުން އަގު އޮޅުވާލުމުން ޑިއުޓީއަށް އިތުރަށް ދައްކަން ޖެހޭ 2.4 މިލިއަން ރުފިޔާ އާ އެކު ޖުމްލަ 8.3 މިލިއަން ރުފިޔާ ފެބްރުއަރީ 16، 2009 އިން ފެށިގެން ތިން ދުވަހުގެ ތެރޭގައި ދެއްކުމަށް ކަސްޓަމްސް އިން އެންގުމުން ވެސް އެކުންފުނިން އެ ފައިސާ ދައްކާފައިނުވެ އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ފެބްރުއަރީ 16، 2009ގެ ފަހުން ވެސް އެ ފައިސާ ދެއްކުމަށް ތިން ފަހަރެއްގެ މަތިން ސެންޓާ އެންޓަޕްރައިޒަސް އަށް ކަސްޓަމުން އަންގާފައި ވިޔަސް އެ ކުންފުނިން އެ ފައިސާ ދައްކާފައި ނުވާ ކަމަށް ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.
އެހެންކަމުން ސެންޓާ އެންޓަޕްރައިޒަސް އިން ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް އެ ކުންފުންޏަށް އަންގައި ހުކުމް ކުރާ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.