27 Aug 2012, 10:06
( ދިމިޝްޤު) ސޫރިޔާގެ ވެރިރަށް ދިމިޝްގެ ކައިރީގައިވާ އަވަށެއްގައި، ލެެއިން ތަތްތެޅިފައިވާ އެތައް ބައެއްގެ ހަށިގަނޑު އެއްވަޅެއްގައި އިއްޔެ ވަޅުލި އެވެ. ސޫރިޔާ ސަރުކާރާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެމީހުންނާ ދެކޮޅަށް ސޫރިޔާ ސަރުކާރު ސިފައިން ފާއިތުވި ހަފުތާފައި ދިން ވަރުގަދަ ހަމަލާތަކުގައި ވަނީ 300 އަށް ވުރެ ގިނަ އާއްމުން މަރާލާފަ އެވެ.
ސޫރިޔާގައި ހަރަކާތްތެެރިވާ އިނގިރޭސި ވިލާތުގެ ޖަމާއަތެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި ދަރާޔާ ނަމަކަަށް ކިޔާ އަވަށުގެ މަގުމަތިން ވަނީ މަރާލާފައިވާ 32 އަކަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނިފަ އެވެ. އަދި އެމީހުން މަރާލާފައި ވަނީ ބަޑީގެ ހަމަލާތަކުގަޔާއި ހައްޔަރު ކުރުމަށް ފަހު ހިންގި ގަތުލުކުރުން ތަކުގައި ކަމަށާއި އެމީހުންގެ ތެރޭގައި ތިން އަންހެނުންނާއި ދެކުޑަކުދިން ވެސް ހިމެނޭ ކަމަށް އެގްރޫޕުން ބުންޏެވެ. އެމީހުންނާ އެކު ފާއިތުވި ހަފުތާގައި މަރުވި ސީރިއާގެ އާއްމުންގެ އަދަދަކީ 320 ކަމަށް ވެސް އެގްރޫޕުން ބުންޏެވެ.
އެހެން އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ ކޯޑިނޭޝަން ކޮމިޓީން ބުނީ ދަރާޔާ އަވަށުން 300 މީހުންގެ ހަށިގަނޑު ފެނިަފއިވާ ކަމަށާއި ފާއިތުވި ހަފުތާގައި އެ އަވަށުގައި 633 މީހުން މަރާލާފައިވާ ކަމަށެވެ.
ސޫރިޔާގެ ހަމަނުޖެހުންތަކާ ބެހޭ ގޮތުން އެގައުމުގެ ސަރުކާރުގެ މީޑިއާ މެދުވެރިކުރައްވައި ރައީސް ބައްޝާރުލް އަސަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ނުރައްކާތެރި ރޭވުމެއްވާ ކަމަށާއި ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނު ކަމަށް ވިޔަސް އެކަމާ ކުރިމަތިލެއްވުން ހުއްޓަވާނުލައްވާނެ ކަމަށެވެ.
ސޫރިޔާގެ އަހުލީ ހަނގުރާމައިގާ މިހާތަނަށް 20000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު 160،000 އަށް ވުރެ ގިނަމީހުން ވަނީ ރެފިއުޖީންނަށްވެފަ އެވެ. (އެސޯސިއޭޓެޑް ޕްރެސް)