27 Aug 2012, 09:59
ރޭ އިރާކޮޅު ޅ. ފެލިވަރުކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އޭގެ ތެރެއިން އެއް ލޯންޗުގައި ތިބި ބައެއް މީހުން ޒަހަމްވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ރޭ އެކްސިޑެންޓުވީ ޅ. ފެލިވަރުން ފުރައިގެން އެ އަތޮޅު ހިންވަރަށް ދަތުރުކުރަމުން ދިޔަ، ހިންނަވަރުގައި ދުއްވަމުން އަންނަ ލޯންޗަކާއި މާލެ އިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ އެ އަތޮޅު މަކުނުދޫ ހެލްތު ސެންޓަރުގައި ދުއްވާ ލޯންޗެއް ކަމަށެވެ. އަދި ބުނީ ދެ ލޯންޗު ޖެހި ޒަހަމްވެފައި ވަނީ ހިންނަވަރުގައި ދުއްވާ ލޯންޗުގައި ތިބި ބަޔަކަށް ކަމަށާއި އެމީހުނަށް ހިންނަވަރު ހެލްތު ސެންޓަރުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.
ހިންނަވަރު ހެލްތު ސެންޓަރު އޮފިޝަލަކު މިއަދު ވިދާޅުވީ އެ އެކްސިޑެންޓްގެ ސަބަބުން ހިންވަރު ލޯންޗަގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް އެ މަރުކަޒުން ފަރުވާދީ ފައިވާ ކަމަށާއި އަދިވެސް އެތަނުން އެކަކަށް ފަރުވާ ދެމުން އަަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ދެ މީހުންގެ ވެސް މޫނުފިޔަވައި އެހެންތަނެއް ޒަހަމްވެފައިނުވާ ކަމަށާއި މިހާރު އެޑްމިޓް ކޮށްފައި އޮތް މީހާގެ ހިރުގަނޑު ފަޅައިގެންގޮސް ބައެއް ދަތްތަށް ބިނދިފައިވާ ކަމަށެވެ.
ހދ. މަކުނުދޫ ހެލްތު ސެންޓަރު ލޯންޗުގައި ތިބި އެއްވެސް މީހަކު ޒަހަމްވެފައިނުވާ އިރު އެވަގުތު އެލޯންޗުގައި އަށް މީހުން ތިއްބެވެ. އަދި ހިންވަރުގެ ލޯންޗްގައި ތިބީ ތިން މީހުނެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ދެ ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި އެގޮތުން މަކުނުދޫ ލޯންޗުގެ ވަރަށް ބޮޑުބައެއް ފަޅައިގެންގޮސް ވަރަށްބޮޑަށް ދިޔަވެފައިވާ ކަމަށެވެ. މަކުނުދޫ ލޯންޗު މިހާރު ވަނީ ޅ. ފެލިވަރު ފަޅުތެރެއަށް ވައްދާފަ އެވެ. އަދި އެމްއެންޑީއެފްގެ ޕަންޕެއްގެ އެހީގައި، އެލޯންޗަށް އަރަމުންދާ ދިޔަގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ފީފާ އައްސައިގެން އެ ލޯންޗު ފެންމަތިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފެލިވަރުން ކެރޭނެއްގެ އެހީގައި އެ ލޯންޗު ފެންމައްޗަށް ނެގުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ބުންޏެވެ. އަދި އެ ހާދިސާގައި ގެއްލުންވި ހިންނަވަރު ލޯންޗް އޮތީ ހިންނަވަރު ފަޅުތެރޭގަ އެވެ.
މިހާރު އެމައްސަލަ ދަނީ ފުލުހުން ތަހުގީގް ކުރަމުންނެވެ.