ޓޯކްޔޯ- "ބޮލަވެންގެ" ނަންދީފައިވާ ތޫފާން ޖަޕާނަށް އެރުމުގެ ސަބަބުން އެގައުމަށް ގެއްލުންތަކެއް ލިބިއްޖެ އެވެ. ތޫފާން ބޮލަވެން ޖަަޕާނުގެ އޮކިނާވާއަށް އެރުމުގެ ސަބަބުން 75000 އަށް ވުރެ ގިނަ ގެއިން ކަރަންޓް ކެނޑިފައިވާ ކަމަށާއި ހަތަރު މީހަކު ޒަހަމްވި ކަމަށް ޖަޕާނު ސަރުކާރުން ބުންޏެވެ. ނަމަވެސް އެއީ އެތޫފާނުގެ ސަބަބުން ލިބޭނެ ކަމަށް ލަފާކުރި ވަރަށް ވުރެ ކުޑަ ގެއްލުމެއް ކަމަށް ވެސް ޖަޕާނުން ބުންޏެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާތަކުން ކުރިން ބުނެފައި ވަނީ ތޫފާން ބޮލަވެން ވެގެންދާނީ އެތައް އަހަރެއްގެ ތެރޭގައި ޖަޕާން ސަރަހައްދަށް އަރާ އެންމެ ވަރުގަދަ ތޫފާން ކަމަށެވެ. ނަމަވެސް އޮކިނާވާއަށް އެރި އިރު ތޫފާނުގެ ބާރު ހުރީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ދަށްކޮށެވެ.

ޖަޕާނުގެ ޑިޒާސްޓަ މެނޭޖްމެންޓް އެޖެންސީތަކުން ބުނީ މިއަދު އެރި ތޫފާނުގެ ސަބަބުން ކަރަންޓް ކެނޑުން ފިޔަވައި މާ ބޮޑެތި އެހެން ގެއްލުންތަކެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ތޫފާން ބޮލަވެން މިހާރު މަޑުމަޑުން ދަތުރުކުރަމުން ދަނީ ދެކުނު ޗައިނާ ކަނޑާ ދިމާއަށް ކަމަށާއި އެތޫފާނުގެ އަސަރު ދެކުނުކޮރެއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ އިދާރާތަކުގެ އޮފިޝަލުން ބުންޏެވެ.

ތޫފާން ބޮލަވެން އޮކިނާވާއަށް އެރި އިރު ވައި ޖެހުނީ ގަޑިއަކު 180 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށާއި، ބޯކޮށް ވާރޭ ވެހުން ކަމަށް ވެސް ޖަޕާނުން ބުންޏެވެ. އެއީ މިމޫސުމުގައި ޖަޕާނަށް އެރި 15 ވަނަ ތޫފާނެވެ.