ވެރިކަން ބަދަލުވި ގޮތުގެ ތަހްގީގު ހިންގުމަށް އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ހަގީގަތާ އެއްގޮތަށް ރިޕޯޓު ނެރުމަށް ގޮވާލާ އެމްޑީޕީން ރޭ މާލެގައި މުޒާހަރާކޮށްފި އެވެ.

އެމްޑީޕީ އިން އުސްފަސްގަނޑުގައި ރޭ ބޭއްވި ބައްދަލުވުމަށް ފަހު އެ ޕާޓީން ވަނީ މާލޭގެ އެކި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންގޮސްފަ އެވެ.

އެމްޑީޕީން ބުނަމުން ދިޔައީ ކޯނީގެ ރިޕޯޓް އާންމު ކުރުމުގެ ކުރީން އެ ކޮމިޝަނުގެ ކޯ ޗެއާ ތައްޔާރު ކުރައްވާފައިވާ ރިޕޯޓުގެ ޑްރާފްޓަކީ ހަގީގަތާ ހިލާފަށް ތައްޔާރު ކޮށްފައިވާ ޑްރާފްޓެއް ކަމަށެވެ. އަދި ކޯނީގެ ޑްރާފްޓް ރިޕޯޓްގައި އިންޓަވިއުތައް ދިން ގިނަ ފަރާތްތަކުން ދެއްކި ވާހަކަތަކުގެ މައްޗަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ބުނެ ޑްރާފްޓް ރިޕޯޓާ މެދު ހިތްހަމަނު ޖެހޭ ކަމަށް އެ ކޮމިޝަނުގައި ރައީސް މުހައްމަދު ނަޝީދު ތަމްސީލް ކުރައްވާ މެންބަރު ގަހާ ސައީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައި ވަނީ އިންކުއަރީ ކޮމިޝަނުން މިހާރު ނެރުމަށް ހަމަޖެހިފައިވާ ރިޕޯޓުގެ ޑްރާފްޓާ އެއްގޮތަށް ފުރުސަތު ދީގެން ނުވާނެ ކަމާށާއި އެ ރިޕޯޓު އެގޮތަށް ނެރުމާ ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމުގަ އެވެ.

ސައީދު އިއްޔެގެ މީޑިއާ ބައްދަލު ކުރައްވައި އެއްފަހަރު ވިދާޅުވީ ކޯނީގެ ޑްރާފްޓް ރިޕޯޓް އެކުލަވާލެއްވީ ކޮމަންވެލްތުން ކަނޑައަޅާފައިވާ، ސިންގަޕޫރުގެ ރިޓަޔަޑް ޖަޖް ސެލްވަމް ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެ ރިޕޯޓް އެކުލަވާލެއްވީ މުޅި ކޮމިޝަނުން ކަމަށެވެ.

ކޯނީގެ ރިޕޯޓް ނެރުމުގެ ކުރިން ކޮމިޝަނުގެ ޑްރާފްޓް ރިޕޯޓާ މެދު ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވެ ގަހާ އަހުމަދު ސައީދު ވާހަކަފުޅު ދައްކަވާފައި ވާތީ އެކަން ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެކޮމިޝަނުން ތައްޔާރު ކުރަމުންދާ ރިޕޯޓާ މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެވާހަކަތައް ސައީދު އާންމުނާ ހިއްސާ ކުރެއްވުމަކީ އެ ކޮމިޝަން އުފެއްދުމުގެ ކުރީން ކޮމަކޮމަންވެލްތާ އެކު ރައީސް ނަޝީދާއި ސަރުކާރުން ވެފައިވާ އެއްބަސްވުމާ ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.