16:10


ހުޅުމާލޭގައި ބޮޑު ޤަބުރުސްތާނެއް ހަދައި މާލޭގައި މަރުވާ މީހުން އެ ޤަބުރުސްތާނުގައި ވަޅުލާގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.


ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި މީހުން ވަޅުލުމަށް މިހާރު ބޭނުން ކުރަމުންދާ އާ ސަހަރާ ގާތްގަނޑަކަށް ފުރިފައިވުމާއި މިހާރު ވެސް އެ ތަނުގައި މީހުން ވަޅުލަމުން ގެންދަނީ، ޤަބުރުތަކުގެ މައްޗަށް ވެލިފަށަލައެއް އަޅައިގެން ކަމަށްވުމާ އަދި އެ ވެލިފަށަލަ ވެސް މިހާރު ފުރުމާ ކައިރިވެފައިވުމާ އެކު، މިކަމާ ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި ވަރަށް ފުޅާ ދާއިރާއެއްގައި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.


އަދި މާލޭގައި އިތުރު ޤަބުރުސްތާނެއް ހަދާވަރުގެ އެކަށީގެންވާ ބިމެއް މިހާރު ނެތްކަމާއި ގެދޮރު ޢިމާރާތް ކުރުމާއި ވިޔަފާރި ބޭނުމަށް މާލޭގައި ލިބެން ހުރި ހުސް ބިންތަކުގެ ބޭނުން ވަރަށް ބާރު ސްޕީޑެއްގައި ހިފެމުންދާކަން މިއަދުގެ މަޝްވަރާތަކުގައި މެންބަރުން ފާހަގަކުރެއްވި ކަމަށެވެ.  

ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވަނީ ހުޅުމާލޭގައި ބޮޑު ޤަބުރުސްތާނެއް ހެދުމުގެ މަސައްކަތް، ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމައި އެ ޤަބުރުސްތާނުގައި މީހުން ވަޅުލަން ފެށްޓެވުމަށް ކަމަށެވެ. އަދި މަރުވާ މީހުން ހުޅުމާލެ އަށް ގެންދިޔުމުގެ އިންތިޒާމުތައް، ފެރީ އެމްބިއުލަންސެއް ފަދަ އުޅަނދެއް ބޭނުންކޮށްގެން، ވަރަށް ރަނގަޅަށް ހަމަޖެއްސެވުމަށް ވެސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. .

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރ. އަތޮޅު ވަންދޫގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢެއް އެކުލަވައިލުމާ ބެހޭ ގޮތުން ވެސް މެންބަރުން މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެ ރަށުގައި ޞިނާޢީ މަސައްކަތް ކުރުމަށް ސްލިޕްވޭއެއް ހަދައި ދިގު މުއްދަތަށް ކުއްޔަށް ދޫކުރެއްވުމަށް ނިންމެވި ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.