10 Dec 2025, 08:46

މީގެ 15 އަހަރު ކުރިން ރިލީޒްކޮށް ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "3 އިޑިއަޓްސް"ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ވަނީ "3 އިޑިއަޓްސް 2"ގެ ސްކްރިޕްޓްގެ މަސައްކަތް ވެސް ނިންމާލާފައެވެ. އަދި ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށަން ހިރާނީ ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޕިންކްވިލާގައި ވަނީ ބުނެފައެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "3 އިޑިއަޓްސް 2"އިން ވެސް ފުރަތަމަ ފިލްމުގެ ކާސްޓުން ފެންނާނެ ކަމަށާއި އެކަމާގުޅޭ މަޝްވަރާތައް އެކްޓަރުންނާ އެކު ކުރިއަށްދާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "3 އިޑިއަޓްސް"ގެ ޕޯސްޓަރުތަކެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
އެ ފިލްމުގެ ލީޑް ތަރިންނަކީ ކަރީނާ ކަޕޫރު ޚާން، އާމިރު ޚާން، ޝަރުމަން ޖޯޝީ އަދި އާރް މާދަވަންއެވެ. މީގެއިތުރުން ބޮމަން އިރާނީ، މޯނާ ސިންގް އަދި އަލީ ފަޒަލް ވެސް "3 އިޑިއަޓްސް"ގެ ކާސްޓުގައި ހިމެނުނެވެ.
އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޗޭތަން ބަގަތުގެ 2004 ވަނަ އަހަރުގެ ފޮތް "ފައިވް ޕޮއިންޓް ސަމްވަން: ވަޓް ނޮޓް ޓު ޑޫ އެޓް އައިއައިޓީ"އަށް ބިނާކޮށް ހެދި ފިލްމު "3 އިޑިއަޓްސް"އަށް ބޮކްސް އޮފީހުގައި 400.61 ކްރޯޑު ރުޕީސް (44.5 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ފިލްމު "3 އިޑިއަޓްސް" އުފެއްދީ އެންމެ 55 ކްރޯޑު ރުޕީސް (6.1 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ.