26 Aug 2012, 22:52
ގައުމުގެ އަމަން އަމާންކަން ގެއްލި ރައްޔިތުންނަށް ނުރައްކާވާ ހިސާބަށް މިގައުމުގެ ކަންކަން ދިޔުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއަދު ރައްޔިތުން ބޭނުން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަނގުރާމަކުރުން ނޫން ކަމަށާއި ސިޔާސީ ވަކި ފިކުރެއްގައި ނިކުމެ ސިޔާސީ ސަބަބުތަކަކަށް ޓަކައި "ގަބީލާތަކެއްގެ ގޮތަށް" ބައިބައިވެފައިވާ ތަނެއްގެ ގޮތުގައި މިގައުމު ވާން ނުޖެހޭ ކަމަށެވެ. އަދި ގައުމުގެ އަމަން އަމާންކަން ގެއްލި ރައްޔިތުންނަށް ނުރައްކާވާ ހިސާބަށް މިގައުމުގެ ކަންކަން ދިޔުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް ގައުމުގެ އަމަންއަމާންކަން ރަނގަޅުކުރުމަށް ޓަކައި މަސައްކަތް ކުރަން އެބަޖެހޭ. ގައުމުގެ އިގުތިސާދު ރަނގަޅުކުރުމަށް ޓަކައި މަސައްކަތްކުރަން އެބަ ޖެހޭ. ހަމައެކަނި ސިޔާސީ ފިކުރެއްގައި ނިކުމެ އަޅުގަނޑުމެންގެ މިގައުމަކީ ސިޔާސީ ސަބަބުތަކަށް ޓަކައި ގަބީލާތަކެއްގެ ގޮތުގައި ބައިބައި ވެފައި އޮތް ތަނަކަށް ވާން ނުޖެހޭ. އަޅުގަނޑުމެންގެ އާއިލާތަކުގެ ތެރޭގައި އެކަކު އަނެކަކު ކަރުގައި ހިފާކަށް ނުޖެހޭ އެހިސާބަށް ކަންކަން ދުއްވާލުމަކީ ވިޔާނުދާ ގެއްލުން ހުރިކަމެއް. އެހެންވީމާ ހުރިހާ ބޭފުޅުން ވެސް މިކަންތަކަށް ބައްލަވައިގެން ގައުމުގެ މަސްލަހަތަށް ޓަކައި މަސައްކަތްކުރައްވާނެ ކަމަށް ދެކެން،" ރައީސް ވިދާޅުވި އެވެ.
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު އެކޮމިޝަން އުފެއްދެވީ ސިޔާސީ ހިޔާލުތަފާތުވުމަކާ ގުޅިގެން އެކަން ހައްލުކުރުމަށް ޓަކައި ހުރިހާ ފަރާތްތަކަށް ވެސް ގަބޫލުކުރެވޭ ފެންވަރުގެ މިނިވަން ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ކަމަށާއި އެގޮތުން ސަރުކާރާއި އިދިކޮޅު އެމްޑީޕީ ބޭނުންވާ ގޮތަށް ކޮމިޝަން އެކުލަވާލެވިފައި ވުމުން ކޯނީން ނެރޭ ރިޕޯޓަކީ ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރަން ޖެހޭނެ ރިޕޯޓެއް ކަމަށެވެ.
"ބޭރުގެ ފަރާތްތަކުން ހާއްސަކޮށް ކޮމަންވެލްތުން ވެސް އެދޭ ގޮތަށް ހުރިހާ ކަމެއް ކޮށްދީފައި މިހާރު ކޯނީ އެކުލަވާލެވިފައި އެ އޮތީ. އެހެންވީމާ ކޯނީގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހުމާއި މިކަންކަމާ ދޭތެރޭގައި އިތުބާރު މިހާރު ވަނީ ވަރަށް ރަނގަޅަށް އުފެދިފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޯނީން ނެރޭ ރިޕޯޓަކީ ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރަން ޖެހޭ ރިޕޯޓެއް ކަމަށް ޝަރުތުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު އެކޮމިޝަނަށް އައްޔަން ކުރެއްވި ކަމަށާއި ހަމައެގޮތަށް ކޮމަންވެލްތުން ހުށައެޅި ވަރަށް ގަދަރުވެރި ފަނޑިޔާރަކު ހިމެނުމުގެ ސަބަބުން ކޮމިޝަނުގެ އިތުބާރާ މެދު ބޭރުގެ އެއްވެސް ފަރާތަކުން ސުވާލު ނުކުރާ ކަމަށެވެ.
"ކޯނީގެ މުސަތަގިއްލު ކަމާއި އިތުބާރާއި މެދު ބޭރުގެ އެއްވެސް ފަރާތަކުން ސުވާލެއް ނުކުރޭ އަދި އަޅުގަނޑު އުއްމީދުކުރަން އަޅުގަނޑުމެންގެ ތެރެއިން ވެސް އެއްވެސް ބަޔަކު ސުވާލު ނުކުރާނެ ކަމަށް. ދެން ރިޕޯޓް މިހާރު ނިމުމަކަށް އެ އަންނަނީ. އާއްމުގޮތެއްގައި ރިޕޯޓް ޑްރާފްޓު ކުރާނީ އެއްބޭފުޅަކު އެބޭފުޅާ އެކަންކޮށްފައި އެހެން މެންބަރުންނާ ހިއްސާކުރާނެ. އެޕްރޮސެސް މިހާރު ހިނަގމުން އެދަނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ކޮމިޝަނަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އައްޔަން ކޮށްފައިވާ މެންބަރު ގަހާ އަހުމަދު ސައީދު ކޯނީގެ ޑްރާފްޓް ރިޕޯޓާ ގުޅިގެން މީޑިޔާ އަށް މިއަދު މައުލޫމާތު ދެއްވީ ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެފަދަ ކަންކަން ތަކުރާރު ނުކުރައްވައި އެފަދަ ހިތްހަމަނުޖެހުމެއް އޮތް ނަމަ ކޮމިޝަންގެ މެންބަރުންގެ ތެރޭގައި އެފަދަ މަޝްވަރާތައް ކުރެއްވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްބަސްވެފައި އޮންނާނީ ކޮމިޝަނުގެ މަސައްކަތް ނިމެންދެން ކޮމިޝަނުގެ އެއްވެސް ބޭފުޅަކު ]މައުލޫމާތު[ ބޭރު ނުކުރެއްވުމަށް. އެހެންވީމާ މިހާރު ވެސް އެދެއްވި އިންޓަވިއު އެދެއްވީ އެ އެއްބަސްވެފައިވި އެއްބަސްވުމާ ހިލާފަށް. އަޅުގަޑުމެން އުއްމީދުކުރަން އެރިޕޯޓަކީ ވަކިފަރާތަކަށް ނުޖެހި ނެރޭނެ އިންސާފުވެރި ރިޕޯޓެއް ކަމަށް،"
ރައީސް ވަހީދުގެ ސިޔާސީ މުސްތަގުބަލާ ގުޅޭ ގޮތުން ޕްރެޒެންޓާ ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެކަމާ ދޭތެރޭގައި ވިސްނަމުން ގެންދަވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމަނިކުފާނު އަންނަ ރިޔާސީ އިންޔިހާބުގައި ވާދަކުރައްވާނެ ކަން ނުވަތަ ނޫން ކަން އިއުލާނު ކުރައްވާނެ ކަމަށެވެ.