ވެރިކަން ބަދަލުކުރީ "ބަޣާވާތަކުން" ކަމަށާއި "ބަޣާވާތް" ކޮށްގެންތިބި ފަރާތްތައް މަގާމުތަކުން ވަކިކޮށްދިނުމަށް ސިފައިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެދުމަށް ކޮމަންވެލްތުގެ ބާރު އެޅުމާއެކު ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) އަށް ބަދަލުގެ ގެނެސް ކޮމިޝަންގެ ރިޕޯޓް ނެރެން ކައިރިވެފައި ވަނިކޮށް ކޮމިޝަންގެ ޑްރާފްޓް ރިޕޯޓާމެދު ކަން ބޮޑުވުން ފާޅުކޮށް ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބު ގަހާ އަހުމަދު ސައީދު މިއަދު މައުލޫމާތު ހިއްސާ ކުރެއްވުމާއެކު އެމްޑީޕީން ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވާފަ އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގެ ބަހުސްގެ ވަގުތުގައި ފުރުސަތު ހޯއްދަވައިގެން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ސިފައިންނާއި ފުލުހުންގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ. ކުރީގެ ރައީސް ވިދާޅުވީ އެމަނިކުފާނު ދިވެހި ސިފައިން ދެކެ ވަރަށް ލޯބިވެ ވަޑައިގަންނަވާ ކަމަށާއި ސިފައިނަށް ކުރިއެރުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި "ބަޣާވާތް" ކޮށްތިބި މީހުން މިހާރުން މިހާރަށް ވަކިކޮށްދިނުމަށް ސިފައިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ނެޝެނަލް އިންކްއަރީއަކުން އެދޭ އެންމެ ބޮޑު އެއް އެދުމަކީ ދިވެހި ާއްޖޭގައި ބަޣާވާތްކުރި ފުލުހުނާއި ސިފައިން އިންސާފުގެ ކުރިމައްޗަށް ގެނައުން، އަދި ދިވެހި ސިފައިނާއި ފުލުހުނަށް އަންގައިދިނުން އެބޭފުޅުންގެ އަމަލުތައް ބަހައްޓަންޖެހޭނީ ދިވެހި ރާއްޖޭގެ ގާނޫނީ އަސާސީއާ ދިވެހި ރައްޔިތުން މިކުރާ އުންމީދާ އެއްގޮތަށް ކަން" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ނާޒިމް އަކީ "ބަޣާވާތަކުން" އެ މަގާމަށް ވަޑައިގެންނެވި ބޭފުޅެއްކަން އެންމެނަށް އެނގޭ ކަމަށާއި ފެބްރުއަރީ 7 ވަނަ ދުވަހު މިހާރުގެ ޗީއޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް ވެސް ގާނޫނާ ހިލާފުވެފައިވާ ކަމަށް ދައްނަވަން ކެރިވަޑައިގަންނަވާ ކަމަށެވެ. އެމަންނަޒަރު ސިފައިގެންގޭގެ އެކިފަންތީގެ ގިނަ ބަޔަކަށް ފެނިފައިވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސިފައިނާއި ފުލުހުންގެ ޔުނީފޯމަކީ އަނިޔާވެރި ޔުނީފޯމެއް ނޫން ކަމަށައި އެއީ ހަމަ އާއި އިންސާފު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ޔުނީފޯމެއްކަން ސިފައިން އަންގައިދިނުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

"އަޅުގަނޑު ދިވެހި ސިފައިންގެ ކޮމާންޑާ އިން ޗީފްއެއްގެ ގޮތުގައި ތިން އަހަރު ބައި މަސައްކަތް ކުރިން، އަޅުގަނޑު އެ ތިންއަހަރާއި ބައިގައި އެބޭފުޅުންނާއެކު މަސައްކަތްކުރީ ނުހަނު އިހުލާސްތެރިކަމާއެކީގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި އެބޭފުޅުންގެ މަސައްކަތަކީ ހަމައެހާމެ ފުރިހަމަ މަސައްކަތެއް، ދިވެހި ސިފައިން ރާއްޖެއަށް ދިމާވާކޮންމެ ކަމެއްގައި މަސައްކަތް ކޮށްދެއްވާފައިވަނީ ނުހަނު އިހްލާސްތެރިކަންމަތީގަ، އަޅުގަނޑު އެންމެ ބޮޑަށް ހަދާންވަނީ އަޅުގަނޑުމެން މިރާއްޖޭގައި ބޭއްވި ސާކް ސަމިޓްގެ މަސައްކަތުގައި އައްޑު އަތޮޅުގައި ދިވެހި ސިފައިން ކޮށްދެއްވި އަގުހުރި މަސައްކަތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގައި ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު މިއަދުގެ ޖަލްސާއަށް އެމަނިކުފާނުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ މުހަންމަދު ޝިހާބު ހުޅައަޅުއްވާ މާރިޔާ އަހުމަދު ދީދީ ތާއީދު ކުރެއްވި ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. ޝިހާބުގެ ގަރާރު ފާސްކުރީ ގައުމީ މަޖިލީހަށް ވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ.

ފާސްކުރި ގަރާރުގައި ބުނެފައިވަނީ ކޯނީގެ ރިޕޯޓް ނެރެންޖެހޭނީ ކޮމަންވެލްތާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެމްބަރު ގަހާ އަހުމަދު ސައީދު މިއަދު ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ސިންގަޕޫރު ފަނޑިޔާރު އެކުލަވައިލެއްވި ޑްރާފްޓް އޮތީ ކޮމަންވެލްތާއިއެކު ވެފައިވާ އެއްބަސްވުމާއި ހިލާފަށް ކަމަށެވެ. އަދި ވެރިކަން ބަދަލުކުރުމަށް ބައިވެރިވި މީހުންގެ ފޯން ކޯލުތަކާއި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތައް ހޯދާއި އެތަކެއްޗަށް ބެލުމަށްފަހު ރިޕޯޓް އެކުލަވައިލަން ނިންމާފައިވާއިރު އެއިން ކަމަކަށް ބަލާފައި ނުވާކަމަށް ބުނެ ކޯނީގައި ހިމެނި ވަޑައިގަންނަވާ ސިނަގަޕޫރުގެ ފަނޑިޔާރު ސެލްވަމްގެ ޑްރާފްޓް ރިޕޯޓް އާއި މެދު ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ.

ޝިހާބުގެ ގަރާރު ހުށައެޅުވުމުން ބަހުސުގައި ވާހަކަފުޅު ދެއްވި ހުރިހާ މެންބަރުން ވެސް ވަނީ ކޮމިޝަނަށް ކޮމަންވެލްތުން އައްޔަން ކުރި އަދި ކުރިން އެމްޑީޕީއިން ވެސް ހިތްހަމަޖެހޭ ކަމަށް ބުނެފައިވާ ސެލްވަމަށާއި ކޮމިޝަންގެ ޑްރާފްޓް ރިޕޯޓަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެ ސެލްވަމް މަސައްކަތް ކުރެއްވީ ހަތެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންކަން ފޮރުވަން ކަމަށް ބުނެފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓުރީ ގްރޫޕުގެ މެންބަރު ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވީ ސެލްވަމަކީ "ސިންގަޕޫރުގެ އަބްދުﷲ" ކަމަށާއި ސެލްވަމު ވިދާޅުވަނީ ބަޣާވާތަކުން ވެރިކަން ބަދަލުކުރެވޭނީ ބަނޑޭރިގެއަށާއި ފުލުސް އޮފީހަށް ގާ އުކުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެކަންތައްތައް ގަބޫލު ނުކުރެވޭނެ ކަމަށެވެ. ކޯނީގެ ރިޕޯޓުން ހަތެއް ފެބުރުއަރީގައި ހިނގައިދިޔަ ކަންކަން ހިނގީ ރަނގަޅަށް ކަނޑަޅައިފިނަމަ އެގޮތް ގަބޫލު ކުރާނީތޯ ނިންމަންޖޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ 6 ، 7 ގައި ހިނގާދިޔަ ކަންތައްތަކަކީ ގާނޫނުގެ ބޭރުން ހިނގާފައިވާ ކަންތައްތައް ނޫންކަމަށް ނިންމައިފިނަމަ އެގޮތަށް އެމްޑީޕީއަށް ވެސް ކަންތައްތައް ކުރެވޭނެ ކަމަށެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ދެން ވާހަކަދެއްކެވި ބޭފުޅުން ވެސް ވަނީ ސެލްވަމް އަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާ އާއި ސަރަނގު އާދަމް މަނިކާއި މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ އާއި މަޖިލިސް މެންބަރު މުހައްމަދު ތޯރިގު ހިމެނި ވަޑައިގަންނަވަ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވީ ސެލްވަމަކީ އިންސާފުވެރި އަދުލުވެރި ބޭފުޅެއް ނޫން ކަމަށާއި އޭބޭފުޅާއަކީ ފައިސާއަށް އުޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި ސިފައިން ތަރައްގީ ކުރާ ރިސޯޓް ދީފައި ވަނީ ވެސް ސެލްވަމްއާ ގުޅުން އޮންނަ ކުންފުންޏަކަށް ކަމަށެވެ.

މީގެ އިތުރުން މިއަދު ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ގޮވާލާފައި ވަނީ ކޯނީގެ ރިޕޯޓް ނެރޭ ދުވަހަށް ރާއްޖޭގެ އެކި ހިސާބުތަކުން މީހުން މާލެ އައުމަށާއި އެމްޑީޕީން އެ ޕާޓީގެ ރަސްމީ ސިފައިގައި ނުކުތުމަށެވެ. އެކަމަށް ރައީސް މުހައްމަދު ނަޝީދު ވެސް ތާއީދު ކުރެއްވި އެވެ. އެމަނިކުފަނު ވިދާޅުވީ "ތިޔަ ހުރިހާ ބޭފުޅުން ދެއްކެވި ވާހަކަފުޅަށް ވެސް އަޅުގަނޑު ތާއީދު ކުރަން" ކަމަށެވެ.