26 Aug 2012, 17:54
އަންނަ ބުރާސްފަތި ދުވަހު ނެރުމަށް ހަމަ ޖެހިފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ރިޕޯޓާއި ގުޅިގެން ހިންގައިފާނެ ހަމަނުޖެންތަކަށްޓަކައި މިއަދު އިރުއޮއްސި 6:00 ފެށިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަން ފުލުުހުން ހަމަޖައްސައިފި އެވެ.
މިއަދު މެންދުރުފަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލީސް ހުސައިން ވަހީދު ވިދާޅުވީ ބުރާސްފަތި ދުވަހުން ނެރުމަށް ހަމަ ޖެހިފައިވާ ކޯނީގެ ރިޕޯޓާ ގުޅިގެން މާލެ އާއި ރާއްޖެ ތެރޭގައި ހަމަނުޖެހުންތަކެއް ހިންގަފާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިންގަން ނިންމީ ހަމަ ނުޖެހުންތަކަށް ފުރުސަތު ނުދިނުމަށް ކަމަށެވެ.
ފުލުހުން ފެށުމަށް ހަމަ ޖެހިފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން މާލޭގެ ވަކި ސަރަހައްދުތަކެއް ބަންދުކުރެވޭނެ ކަމަށް ފާހަގަ ކުރައްވަމުން އެނާ ވިދާޅުވީ ހަމަ ނުޖެހުންތައް ހިންގުމަށް މަސައްކަތްކުރާ މީހުންނާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
"މި ގައުމުގެ އަމާންކަމާއި ސަލާމަތްތެރިކަން ގެއްލުވާލަން މަސައްކުރާ ފަރާތްތަކަށް އަޅުގަނޑުމެން ހަރުކަށި ފިޔަވަޅު އަޅާނަން. އަދި ދިވެހި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހަމަ ނުޖެހުން ހިންގުމަށް އަޅުގަނޑުމެން ފުރުސަތު ނުދޭނެކަން ވެސް މައުލޫމާތަށްޓަކައި ދަންނަވާލަން،" ޑެޕިއުޓީ ކޮމިޝަނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ފުލުހުން އޮޕްރޭޝަންތައް ހިނގަމުންދާއިރު ސުލްހަވެރި އެއްވުންތަކުގައި ފުލުހުންގެ އެއްބާރުލުން ދޭނެ ކަމަށާއި އަދި މުޒާހަރާ ތަކުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންވާ ކަމަށްވާނަމަ އެ ފުރުސަތު ވެސް ދެއްވާނެ ކަމަށެވެ.
"މަގުމަތީ ހިންގާ ސުލްހަވެރިކަމާއި ގާނޫނީ އިމުގެ ތެރެއިން ހިންގަމުންދާ އެންމެހާ ހަރަކާތްތައް، މުޒާހަރާތައް، އިހްތިޖާޖުތކުގައި އަޅުގަނޑުމެންގެ ސެކިއުރިޓީ ބޭނުންވެއްޖެއްޔާ އަޅުގަނޑުމެން މި ތިބީ ދޭން،" އޭނާ ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ފުލުހުންގެ ހިންގާ އޮޕްރޭޝަނުގެ ދަށުން މާލެ އަންނަ ދޯނިފަހަރުތައް ވެސް ޗެކްކޮށް މާލެ ފަޅުތެރެއަށް ވަންނަން އޮތް ބައެއް ނެރު ބަންދުކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށެވެ.
"މާލެ ފަޅަށް މި ވަންނަން އަންނަ އުޅަނދު ފަހަރުތައް، ހާއްސަކޮށް އެއް ނަންބަރު ދެ ނަންބަރު، ތިން ނަންބަރު ފާލަން ދޮށަށް މި ކައިރިކުރާ އުޅަނދުތައް އަޅުގަނޑުމެންގެ މެރިން ޕޮލިސްގެ ފަރާތުން އެ ހާލަތަކަށް ބަލާފައި ޑައިވާޓް ކުރަން ޖެހިދާނެ،" އެނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޑިޕިއުޓީ ކޮމިޝަނާ ވިދާޅުވީ ދެވަނަ ފުރުސަތުގެއ ދަށުން ދޫކޮށްލާފައިވާ ތިބި ބައެއް މީހުންނާއި ގުޅިގެން މާލެ ތެރޭގައި ހަމަ ނުޖެހުން ހިންގުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ފުލުހުނަށް ލިބިފައިވާ ކަމަށެވެ.
"ކޯނީގެ ރިޕޯޓާއި ގުޅުވައިގެން މާލެ ތެރޭގައި ހަމަ ނުޖެހުން ހިންގަން އުޅޭ ބައެއް މީހުން، ދެވަނަ ފުރުސަތުގެ ދަށުން މިދިޔަ ދުވަސްތަކުގައި ދޫކުރެވިފައި ތިބި މީހުންނާއި ނެގޯޝިއޭޓްކޮށް ވާހަކަތައް ދައްކަމުންދާ ކަމަށް އަޅުގަނޑުމެނަށް މައުލޫމާތު އެބަލިބޭ،" ޑެޕިއުޓީ ކޮމިޝަނާ ވިދާޅުވި އެވެ.
ފުލުހުން ހިންގަން ފަށާ އޮޕަރޭޝަންތައް މުޅި ރާއްޖެގައިވެސް ހިނގަމުންދާނެ ކަމަށް ޑިޕިއުޓީ ކޮމިޝަނާ ވިދާޅުވި އެވެ.