26 Aug 2012, 15:49
ތުރުކީ ވިލާތުގެ އިސްތަމްބުލްގައި އޮންނަ" ޗެސް އޮލިމްޕިއާޑް"ގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ރާޒުވާ ޓީމް ތުރުކީއަށް ފުރުމަށް ނިންމައިފި އެވެ.
ގައުމީ ޓީމް ތުރުކީއަށް ދިއުމަށް ފުރަނީ މިއަދު ހަވީރު 5:45 ގައެވެ. މުބާރާތުގައި ވާދަކުރާ ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ހަސަން، އަހުމަދު އަސްރަފް (އާނަންދު)، އަހުމަދު ފުއާދު (ދޫނި)، އަބްދުއްރަހުމާން އަލީ އަދި އިބްރާހިމް އަބްދުﷲ(ސަބޭ) އެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ކުޅުންތެރިންނަށް ހިއްވަރު ދެއްވުމުގެ ގޮތުން މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު ޙުސައިން ޝަރީފް އާއި މި މިނިސްޓްރީގެ އިސްވެރިން މިއަދު ހެނދުނު ވަނީ ބައްދަލުކުރައްވާފަ އެވެ. މިބޭފުޅުންގެ އިތުރުން "ނެޝަނަލް ސްޕޯޓްސް ކައުންސިލް"ގެ ނައިބު ރައީސް މުޙައްމަދު ޠަލާލް ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެ އިން ބޭރަށް މިކުރާ ދަތުރަކީ ދިވެހި ރާއްޖޭގެ ރާޒުވާ ކުޅުންތެރިންނަށް ލިބުނު ވަރަށް އަގުހުރި ފުރުޞަތެއް ކަމަށާއި އަދި މިފުރުޞަތު ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސް ކުރެއްވި އެވެ.
ޗެސް ފެޑެރޭޝަންގެ ރައީސް ނޫޙު އަލީ ވިދާޅުވީ މުބާރަތުގައި ވާދަކުރުމަށް ރާއްޖޭގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެ ރާއްޖެ އަށް ރީތި ނަމެއް ހޯދައި ދިނުމުގެ އުންމީދުގައި ކަމަށެވެ. އަދި މި މިނިސްޓްރީ އިން ފެޑެރޭޝަނަށް ދޭ އެއްބާރުލުމަށް ވެސް ނޫހު ޝުކުރުއަދާކުރައްވައި އެވެ.
މި މުބާރާތުގައި 160 އަށް ވުރެއް ގިނަ ޤައުމް ބައިވެރިވެ އެވެ.