އައްޑޫ ސިޓީގެ ހިތަދޫ މެޖިސްޓްރޭޓް ކޯޓާއި އެ ރަށުގައި ހުންނަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޕޮލިސް ޓްރޭނިން ސްކޫލް ތެރެއަށް ވަދެ އެތަންތާގެ އިމާރާތަށާއި މުދަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ މީހަކު ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގައި އެއް މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގައި އެއް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ، ސައްބުގޭ ހުސެއިން އަލީގެ މައްޗަށެވެ.

އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކޯޓުގެ މުވައްޒަފަކާ ދިމާލަށް ވަރަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައި ވާތީ އެވެ.

އެ މައްސަލައާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ކޯޓުގެ މުވައްޒަފަކު ބުނީ އޭނާ ޝަރީއަތުގެ މަޖިލީހަށް ފަހު ކައުންޓަރަށް އައިސް ފޯނު ދިނުމަށް އެދުމުން އެތަނުގައި ހުރި ފޯންތަކުގެ ތެރެއިން ހުސެއިން އަލީ އޭނާގެ ފޯނުކަމަށް ބުނެ ދެއްކި ފޯނު އޭނާ އާ ހަވާލު ކުރި ކަމަށެވެ.

އޭނާ ބޫނީ ފޯނު ހަވާލު ކުރިތަނާ އެވަގުތު ކޯޓަށް ހާޒިރުވެ ހުރި ފުލުހަކު އެއީ އޭނާގެ ފޯނެއްކަމަށް ބުނުމުން ހުސެއިން އަލީގެ އަތުން ފޯނު އަތުލުމަށް ފަހު ފުލުސް މީހާ އާ އެ ފޯނު ހަވާލު ކުރި ކަމަށާއި އެވަގުތު އޭނާ ހަޑިހުތުރު އެއްޗިހި ކިޔާފައިވާ ކަމަށެވެ.

އޭނާ ބުނީ ހުސެއިން އަލީ ޝަރީއަތަށް ވަތް އިރު އޭނާގެ ފޯނު ހަވާލު ކޮށްފައި ވަނީ އެ މައްސަލަ ބައްލަވާ ގާޒީގެ ސެކްޝަނާ ކަމަށެވެ. އަދި އެ ސެކްޝަނުން ފަހުން އޭނާ އާ ފޯނު ހަވާލު ކޮށްފައިވާ ކަމަށެވެ.

ހެކިބަސް ދެމުން ފުލުސް މީހާ ބުނީ އޭނާ ކޯޓަށް ހާޒިރުވީ ތަހުގީގަށް ހައްޔަރުކޮށްފައިވާ ތިން މީހެއްގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކަމަށެވެ. އަދި ބުނީ ހުސެއިން އަލީ ކޯޓުގެ މުވައްޒަފާ ދިމާލަށް ހަޑިހުތުރު އެއްޗި ކިއި އަޑު އޭނާ އަށް އިވުނު ކަމަށެވެ.

ފުލުސް މީހާ ބުނީ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އެވަގުތު ހުރި ޖަޒުބާތެއްގެ ގޮތުންކަމަށް ހުސެއިން އަލީ އޭނާގެ ގާތު ބުނި ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އޮޅުމަކުން އެގޮތަށް ފޯނު ނެގުނަސް އެއީ މައްސަލައެއް ނޫން ކަމަށާއި ހަމައެކަނި ޖެހުނު މައްސަލައަކީ ހުސެއިން އަލީ ހަޑިހުތުރު ބަހުން ވާހަކަ ދައްކައި ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށެވެ.

ހުސެއިން އަލީ ފުރަތަމަ ބުނީ އޭނާ އަކީ ދުވަހަކު ވެސް ހަޑިހުތުރު އެއްޗިހި ކިޔާފައިވާ މީހެއް ނޫންކަމަށާއި ޚަތިމުގައި އަތްލައި ހުވާކުރުމަށް ވެސް އޭނާ ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ މާފުކޮށްދިނުމަށް ގާޒީގެ ކިބައިން އެދިފަ އެވެ.

ހުޅުޖެހި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނީ ހުޅުޖެހި ވަގުތު އޭނާ އެތާގައި ނެތް ކަމަށާއި އޭނާ އެތާގައި ހުރި ނަމަ ހުޅު ޖެހިޔަ ނުދޭނެ ކަމަށެވެ.