26 Aug 2012, 15:02
އައްޑޫ ސިޓީގެ ހިތަދޫގައި ހުރި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ އެތަންތާގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ދައުވާ ކުރި 18 މީހަކު ދައުވާއަށް އިންކާރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އެ 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން މިއަދު އިއްވުމުން އެ އެންމެން ދައުވާއަށް އިންކާރު ކުރަމުން ބުނީ ފެބްރުއަރީ އަށްވަނަ ދުވަހުގެރޭ ހުޅުޖެހި ވަގުތު އެ އިމާރާތްތައް ހުންނަ ސަރަހައްދަށް އެ މީހުން ނުދާ ކަމަށެވެ.
އެ މީހުންގެ ތެރެއިން 17 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެރޭ 7:00 އާއި 9:30 އާއި ދެމެދުގެ ވަގުތެއްގައި ހިތަދޫގައި ހުންނަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ހިތަދޫ މެޖިސްޓްރޭޓް ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޓްރޭނިން ސްކޫލާއި ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ އިތުރުން "ކޯހެރެ" ނަމަކަށްކިޔާ ކެފޭގެ ތެރެއަށް ވަދެ އެތަންތާގެ މުދަލަށާއި އިމާރާތަށް ގެއްލުން ދީފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ ސ. ހިތަދޫ، ނޫރަތި، އާއިޝަތު އިބްރާހިމް 50، ގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ހިތަދޫގެ ޕޮލިސް ޓްރޭނިން ސްކޫލްގެ އިމާރާތަށް ގެއްލުން ދިން ވަގުތު އޭނާ އެކަމަށް ހިތްވަރުދީ އެތާނގެ މުދަލަށް ގެއްލުން ދިނުމަށް ގޮވާ ހަދާފައިވާ ކަމަށެވެ.
ދައުލަތުގެ އެ ދައުވާ އަށް އިންކާރު ކުރަމުން އާއިޝަތު ބުނީ އޭނާގެ ގެ ހުންނަނީ ޕޮލިސް ޓްރޭނިން ސްކޫލްގެ ކުރިމަތީގައި ކަމަށާއި އެ ހާދިސާ ހިނގައިދިޔަ ވަގުތު އޭނާ ހުރީ ގޯތިތެރޭގައި ކުދިންނާއެކު ކަމަށެވެ. އަދި އެތަނަށް ގެއްލުންދިން ތަން އޭނާ ނުދެކޭ ކަމަށާއި އަނގައިން އެއްވެސް އެއްޗެއް ބުނެފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުގެ ގެ ހުންނަނީ ޕޮލިސް ޓްރޭނިން ސްކޫލް ކުރިމަތީގައި. އެހާދިސާ ހިނގި ވަގުތު އަޅުގަނޑު ހުރީ ގޭގެ ގޯތިތެރޭގައި ދަރިންނާއި އެކު. އަޅުގަނޑު އަނގައިން ވެސް ދުލުން ވެސް އެއްވެސް އެއްޗެއް ނުބުނަން،" އާއިޝަތު އިބްރާހިމް ބުންޏެވެ.
އާއިޝަތުގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަކީ ސ. ހިތަދޫ، މުޑުދާސްގޭ މުހައްމަދު ޖަބީނާއި އެރަށު ސައްބުގޭ އަބްދުﷲ އަލީ އާއި ހާލާފަރު، މާލިކު އަހުމަދު ދީދީ އާއި ހުދުމާވަހަރުގެއާގޭ، އަހުމަދު ހުސެއިން އާއި ސައްބުގޭ ހުސެއިން އަލީ އާއި ޗާމަންގޭ އަބްދުﷲ ޝާހިދު އާއި ވައިލެޓް ފެހި، ޝިހާމް ހަބީބާއި އަލީބޮޚާރީގޭ މުހައްމަދު ނާގިސް އާއި ހަމައެގޭ އަހުމަދު ޝުޖާއު އާއި އެމްޓޭޝަން ހަސަން ނަސީރު އާއި ފިނިމާ އިބްރާހިމް ނާފިއު އާއި އިމިތީގޭ އަލީ އަހުމަދާއި އޯވައްގޭ އިބްރާހިމް އަސަދާއި ސޯސަންގޭ މުހައްމަދު ޝަމްއޫނާއި ދުންސާމުރާނިގޭ މުހައްމަދު ހަސަންގެ އިތުރުން ތ. ތިމަރަފުށީ ބިސްގޭ އަލީ ލިޝާމް އެވެ.
މި މީހުންގެ ތެރެއިން މާލިކު އަހުމަދު ދީދީ އަކީ މާރާމާރީގެ މައްސަލައެއްގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި މިމީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އަސަދަކީ ވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެކެވެ.
މި މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު ސުޖާއު އަކީ ވައިގެ މަގުން އައްޑޫ އަށް މަސްތުވާތަކެތި ގެންދިޔަ މީހަކާއި ބައިވެރިވެގެން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހެކެވެ.
ދައުވާ ލިބޭ މީހުންގެ ތެރެއިން މުހައްމަދު ހަސަން ފިޔަވައި އެހެން އެންމެން ވަކީލަކު އައްޔަން ކުރަން ބޭނުންވާތީ ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އެ މީހުންނަށް ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދިނުމަށްފަހު އެވެ. އަދި އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.