31 Aug 2010, 10:21
15:24
ތިން ވަނަ ދައުރު އޮކްޓޫބަރު މަހު ފެށުމަށް ހަމަޖައްސައި ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރު ނިންމައި މިއަދުން ފެށިގެން މެންބަރުންނަށް ޗުއްޓީ ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރައްރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު މިއަދު ނިމިފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޗުއްޓީ މި ދެއްވީ ވަޒީރުންނަށް ރުހުން ދިނުމާއި އަދި އެ ނޫންވެސް ބައެއް މުހިންމު މައްސަލަތައް ޕެންޑިންގައި ހުއްޓަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގައި ވަނީ ޤާނޫނު އަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޖަލްސާތައް، އަހަރެއްގެ ތެރޭގައި ބެހިގެން ވާނީ 3 ދައުރެއްގެ މައްޗަށްކަމަށެވެ. އަދި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ނުވަތަ އެހެންގޮތަކަށް މަޖިލީހުން ކަނޑަނާޅާހާ ހިނދަކު، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށާއި ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ.
އަދި މިގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ނުވަތަ އެހެންގޮ ތަކަށް މަޖިލީހުން ކަނޑަނާޅާހާ ހިނދަކު، މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން، ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީޚުގެ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު ކަމަށާއި އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހު ނުވަތަ ހޯމަ ދުވަހު ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ. އަދި ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަކީ މި ދައުރުގެ ފަހު ޖަލްސާ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.