26 Aug 2012, 14:56
ކޯނީގެ ރިޕޯޓް ނެރުމުގެ ކުރިން ކޮމިޝަނުގެ ޑްރާފްޓް ރިޕޯޓާ މެދު ހިތްހަމަނުޖެހޭ ކަމަށްވިދާޅުވެ ކޮމިޝަނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަމްސީލު ކުރައްވާ މެންބަރު، ގަހާ އަހުމަދު ސައީދު ވާހަކަފުޅު ދެއްކަވާފައިވާތީ އެކަން ސަރުކާރުން ކުށްވެރި ކޮށްފި އެވެ.
ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ކޮމިޝަނުގެ ރިޕޯޓު ނެރުމުގެ ކުރިން އެކޮމިޝަނުން ތައްޔާރު ކުރަމުންދާ ރިޕޯޓާއިމެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެވާހަކަތައް ސައީދު އާންމުނާއި ހިއްސާ ކުރެއްވުމަކީ އެ ކޮމިޝަން އުފެއްދުމުގެ ކުރީން ކޮމަކޮމަންވެލްތާއެކު ރައީސް ނަޝީދާއި ސަރުކާރުން ވެފައިވާ އެއްބަސްވުމާ ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.
"މިއީ [ކޮމިޝަނުގެ ވާހަކަތައް ވަކި ވަކީން ހިއްސާ ކުރުން] ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިއީ ދިވެހި ސަރުކާރާއި ރައީސް ނަޝީދާއި އަދި ކޮމަންވެލްތާއި އެކި ވެފައިވާ އެއްބަސްވުމާއިވެސް ހިލާފު އަމަލެއް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ސައީދަކީ ރައީސް ނަޝީދުގެ ފަރާތްފުޅުން ކޮމިޝަނުގައި އިންނަވާ ބޭފުޅެއް ކަމަށްވުމުން ކޮމަންވެލްތާއެކު ވެފައިވާ އެއްބަސްވުމާއި ހިލާފުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. ރިޕޯޓު ނެރުމުގެ ކުރީން ކޮމިޝަނާއި މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސައީދު ވާހަކަފުޅު ދައްކަވާފައިވަނީ މާލެތެރޭގައި އިތުރު ހަމަ ނުޖުންތަކެއް ހިންގަން ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
"ނަޝީދަށް އެނގިވަޑައިގަންނަވާނެ ކޮންމެ ތާކުން ރިޕޯޓެއް ނެރުނު ނަމަވެސް އިންސާފުވެރިކަމާއެކު ނެރޭ ރިޕޯޓެއްގައި އޮންނާނީ އެމަނިކުފާނު ކުރައްވާފައިވާ ގާނޫނާއި ހިލާފު ވާހަކަތައް ކަން. އެހެންވީމަ އެ ކޮމިޝަނުގައި އެމަނިކުފާނު ތަމްސީލް ކުރައްވާ ބޭފުޅާ މެދުވެރި ކުރައްވާ މާލެ ތެރެ ހަމަ ނުޖެހުންތައް ހިންގަން އެ މަސައްކަތް ކުރައްވަނީ،" އެނާ ވިދާޅުވި އެވެ.
ކޮމިޝަނުގައި ނަޝީދު ތަމްސީލް ކުރައްވަމުންދާ ސައީދު، މިއަދު މެންދުރުފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވެފައިވަނީ އެކޮމިޝަނުގެ ރިޕޯޓްގެ ޑްރާފްޓް މިހާރު ތައްޔާރުކޮށްފައި އޮތީ އެކޮމިޝަނަށް މައުލޫމާތު ދިން އެތައް ބައެއްގެ ވާހަކަތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ.