ނެހުރޫ ކަޕުގައި އިއްޔެ އިންޑިޔާ އަތުން 3-0 އިން ބަލިވުމުން ގައުމީ ފުޓްބޯޅަ ކޯޗު މެޗުގެ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އެންމެ ފަހުން އިންޑިޔާ އަތުން ރާއްޖެ ބަލިވި ދެ ފަހަރު ވެސް ޓީމުގެ ކޯޗަކަށް ހުރި ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ ބުނީ ރެފްރީގެ ނިންމުން އިންސާފުވެރިނޫން ކަމަށް ގައުމީ ކީޕަރު އިމްރާން މުހައްމަދު ވެސް އޭނާ ގާތު ބުނެފައިވާ ކަމަަށެވެ.

"އަހަރެންގެ ކީޕަރު ވެސް ބުނީ (ރިލްވާން ވަހީދުގެ އަތުގައި ޖެހުނު) ބޯޅަ ރެފްރީ އަށް ރަނގަޅަށް ނުފެންނާނެއޭ. ރެފްރީ ހުރީ ރަނގަޅު ޕޮޒިޝަނުގައެއްނޫން. އަހަންނަށް ފެނުނު އިންޑިޔާގެ ޕެނަލްޓީ އޭރިޔާތެރެއިން ބޯޅަ އަތުގައި ޖެހުނުތަން ވަރަށް ސާފުކޮށް. އެހެންވީމަ ހަމަހަމައެއްނޫން،" ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް އިންޑިޔާ އަތުން ރާއްޖެ ބަލިވިއިރު ކޯޗުކަން ކުރި އުރުބާނީ ބުންޏެވެ.

ކޯޗު އަދި ބުނީ ބަލިވުމުގެ އަނެއް ސަބަބަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށެވެ.

"އިންޑިޔާ މިއަދު ސްކޯ ކުރީ ދެ ޗާންސް ލިބިގެން. އަހަރުމެންނަށް ލިބުނު ފަސް ފުރުސަތު ވެސް ބޭކާރު. އަޝްފާގަށް ލިބުނު ބޯޅަ ޖެހުނު ނަމަ މެޗު ވަރަށް ވާދަވެރިވާނެ. އެކަމަކު ލިބޭ ހުސް ފުރުސަތުތައް ބޭނުންނުކުރެވެންޏާ ވަރަށް އުނދަގޫވާނެ މޮޅުވާން،" ކޯޗު ބުންޏެވެ.

މި މެޗުގައި ހުސްކޮށް ގޯލަށް ޖަހަން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބުނު ބޯޅަ ރަނގަޅަށް ގޯލަށް ނުޖެހުނީ އޭނާ އޮފްބެލެންސްވުމުންނެވެ.

ކޯޗު އަދި ބުނީ ހުސްވި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު އިންޑިޔާ ޓީމަށްވުރެ މިހާރުގެ ޓީމު މާމޮޅު ކަމަށާއި އެމީހުންގެ ރޭވުންތެރިކަން ވެސް ތަފާތު ކަމަށެވެ.

އިއްޔެގެ މެޗުގައި އިންޑިޔާގެ ފުރަތަމަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިންޑިޔާގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާ ސުނިލް ޗެތުރީ އެވެ. ފަހު ލަނޑު ވެސް ޖެހީ އޭނާ އެވެ. އަނެއް ލަނޑު ޖެހީ ސައީދު ނާބީ އެވެ.

މި މޮޅާއެކު އިންޑިޔާ އަށް ފަސް ގައުމު ވާދަ ކުރާ މުބާރާތުގެ އެއްވަނަ ލިބެނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކުގަ އެވެ. ރާއްޖެ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެގެން ސީރިއާ އާއި ކެމަރޫނަށް އެއްޕޮއިންޓް އަދި ނޭޕާލަށް ޕޮއިންޓެއް ނުލިބެ އެވެ. ޗެމްޕިއަން ޓީމަށް އެއްލައްކަ ޑޮލަރު އަދި ރަނަރަބް ޓީމަށް ބައިލައްކަ ޑޮލަރުދޭ މުބާރާތުގެ ފައިނަލަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅެނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި މުބާރާތް މިފަހަރު ބާއްވަނީ އިންޑިޔާގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށެވެ.