26 Aug 2012, 14:03
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ފުލަމް އަތުން 3-2 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި ކުޅެން ނުކުން ޔުނައިޓެޑުގެ ހުނަރުވެރި ފޯވާޑް ވޭން ރޫނީގެ ކަނާއަތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އެއް މަސް ދުވަހަށް ކުޅުމާ ދުރައްދާން ޖެހިއްޖެ އެވެ.
ރޫނީ އަށް އަނިޔާވީ ރޭގެ މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި، އިދިކޮޅު ފުލަމްގެ ކުޅުންތެރިއެއްގެ ކައރިން ރެކި ބޯޅައިގައި ބޮލުން ޖަހަން އެރިވަގުތު ފުލަމްގެ ހޫގޯ ރޮޑަލެގާގެ ކަނާއަތު ފައިގެ ބޫޓުން ރޫނީގެ ކަނާތުގެ ފައިގެ ފަލަމަސްގަޑަށް އެރި ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރޫނީގެ ފަޔަށް ލިބުނު އަނިޔާއަކީ ނުރައްކާތެރި އަނިޔާއަކަށްވީއިރު އޭގެ ސަބަބުން އޭނާއަށް މުހިންމު މެޗްތަކެއް ގެއްލޭނެ އެވެ. އެގޮތުން އަންނަ މަހުގެ ހަތް ވަނަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލޭންޑާއި މޯލްޑޮވާއާ ކުޅޭ މެޗުގެ އިތުރުން ސެޕްޓެމްބަރު 11 ވަނަ ދުވަހު ޔޫކްރޭނާ ދެކޮޅަށް އިންގްލެންޑް ކުޅޭ މެޗުގައި ވެސް އޭނާއަށް ނުކުޅެވޭނެ ކަމަށް ބުނެ އެވެ.
ރޫނީއަށް ލިބުނު އަނިޔާއާ ގުޅިގެން އެޓީމުގެ ކޯޗް އެލެކްސް ފާގަސަން ބުނީ، ރޫނީއަށް އަނިޔާވެ އެއްމަސް ދުވަހަށް އޭނާ ކުޅުމާ ދުރައްދާ ޖެހުމަކީ ޓީމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. ލީގުގައި ކުރިއަށް ހުރި މެޗްތަކަކީ މުހިންމު މެޗްތަކެއް ކަމަށް ވީއިރު، އެމެޗު ތަކުން މޮޅުވާން މެންޔޫއަށް ވަނީ މަޖުބޫރު ވެފައި ކަމަށެވެ.
"ރޫނީ ނެތުމުން ޓީމަށް ގެއްލުންތަކެއް ކުރިމަތިވާނެ. ކުރިއަށް ހުރީ ވަރަށް މުހިންމު މެޗްތަކެއް. އަހަރުމެން އަދިވެސް ވަރަށް މަސައްކަތް ކުރަން ޖެހޭ. ރޭގެ މެޗުން މޮޅެއް ލިބުނަސް، އެކަމާ އުފާކުރާ ވަރެއް ނުވެ" މެޗަށް ފަހު ފާގަސަން ބުންޏެވެ.
ފާގަސަން ބުނީ، ލީގުގައި އަންނަ ހަފުތާގައި ސައުތުހެމްޓަންއާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ވަރުގަދަ މެޗެއް ކަމަށާއި އެމެޗުން މޮޅެއް ހޯދުން ވަރަށް މުހިން މު ކަމަށެވެ. އަދި މިވަގުތު ރޫނީއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ނެތްތަން ފޫބެއް ދުމަށް ޓަކައި ހުރިހާ ކުޅުންތެރިން އެކަތިކަޑަކަށްވެ މަސައްކަތް ކުރުމަކީ މިދަނޑިވަޅުގައި ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ވެސް ފާގަޝަން އިއްޔެގެ މެޗަށް ފަހު އޮން ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.