26 Aug 2012, 14:00
މި މަހުގެ 30 ވަނަ ދުވަހު އާއްމުކުރުމަށް ހަމަޖެހިފައިވާ ސިޔާސީ ގޮތުން މުހިއްމު ރިޕޯޓެއް ކަމަށްވާ، ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް ފަހު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އާއްމުކުރާ ރިޕޯޓާ ގުޅިގެން ރާއްޖޭގައި ހަމަނުޖެހުން ބޮޑުވުމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، ރާއްޖެ އަށް ދަތުރުކުރާ އިނގިރޭސި ރައްޔިތުން އެކަަމަށް ސަމާލުުވުމަށް އިނގިރޭސި ސަރުކާރުން އިރުޝާދުދީފި އެވެ.
ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން އިތުރުވުމާ ގުޅިގެން ސްރީލަންކާގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީ ރިވިއުކުރުމަށް ފަހު އިއްޔެ އަލުން ޝާއިއު ކުރި އިރު އެ އެޑްވައިޒަރީގައި ބުނެފައި ވަނީ ފަހަކަށް އައިސް ރާއްޖޭގައި ސިޔާސީ މުޒާހަރާތައް އިތުރުވެފައިވާ ކަމަށާއި މި މަސް ނިމޭ ހިސާބުގައި ހަމަނުޖެހުން ބޮޑުވުމުގެ ނުރައްްކާ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ރާއްޖެ އަށް ދަތުރުކުރާ އިނގރޭސި ރައްޔިތުން އެކަމަށް ސަމާލުވުމަށް އިރުޝާދު ދީފައިވީ ނަމަވެސް ރާއްޖެ އަށް ދަތުރުކުރުން އެއްވެސް ވަރަކަށް މަދުކުރުމަށް ޓްރެވެލް އެޑްވައިޒަރީގައި ގޮވާލާފައެއް ނުވެ އެވެ.
"ވެރިރަށް މާލޭގައި ސިޔާސީ މުޒާހަރާތައް އަންނަނީ ހިނގަމުންނެވެ. މިމަހުގެ ނިމޭ ހިސާބުގައި ސިޔާސީ ގޮތުން މުހިއްމު ރިޕޯޓެއް ނެރުމުން ހަމަނުޖެހުންތައް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ކުރިން ކުރި ބައެއް މުޒާހަރާތަކުގައި ފުލުހުންނާއި ސިފައިންނާއި އާއްމުންގެ މެދުގައި ކުރިމަތިލުންތައް ހިނގާފައިވެ އެވެ. އެހެންވީމާ މިކަންކަމަށް ސަމާލުވެ ތިބުމަށް އިރުޝާދު ދެމެވެ." އިނގިރޭސިވިލާތުގެ ޓްރެވެލް އެޑްވައިޒަރީގެ ޓްރެވެލް ސަމަރީގައިވެ އެވެ.
ރާއްޖޭގައި އިނގިރޭސިވިލާތުގެ ޑިޕްލޮމެޓިކް މިޝަނެއް ނުހުންނަ ކަމަށާއި ކުއްލި ހާލަތްތަކުގައި ސްރީލަންކާގައި ހުންނަ އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް އިނގިރޭސިވިލާތުގެ ޓްރެވެލް އެޑްވައިޒަރީގައި އިރުޝާދު ދީފައިވެ އެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ ބިރު އޮތް ކަމަށް 2007 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުން ނެރޭ މިފަދަ އެޑްވައިޒަރީތަކުގައި ބުނަމުންދާ ބުނުން މިފަހަރުގެ އެޑްވައިޒަރީގައި ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.