Last Updated:
1 decade 3 year ago

ކޯނީގެ ޑްރާފްޓް ރިޕޯޓާ މެދު ހިތްހަމައެއް ނުޖެހޭ: ގަހާ ސައީދު

    ބުލޮގު ޚުލާސާ
    ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ)ގެ ޑްރާފްޓް ރިޕޯޓްގައި އިންޓިވިއުތައް ދިން ގިނަ ފަރާތްތަކުން ދެއްކި ވާހަކަތަކުގެ މައްޗަށް ރިއާޔަތް ކޮށްފައި ނުވާ ވާތީ ޑްރާފްޓް ރިޕޯޓާ މެދު ހިތްހަމަނުޖެހޭ ކަމަށް އެ ކޮމިޝަންގައި ރައީސް މުހައްމަދު ނަޝީދު ތަމްސީލް ކުރައްވާ މެންބަރު ގަހާ ސައީދު ވިދާޅުވެއްޖެ އެވެ.

    މުލީއާގެ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައީދު މިއަދު ވިދާޅުވީ ރިޕޯޓް އެކުލަވައިލުމަށް ތައްޔާރުކުރި ޑްރާފްޓް ރިޕޯޓަކީ މީހުންނަށް ފެނުނު މަންޒަރާއި ކުރެވުނު އިހްސާސްތައް ކޮންމެ ވެސް ވަރަށް ދޮގުކުރާ ޑްރާފްޓެއް ކަމަށެވެ.

    "ޖަޖް ސެލްވަމް ޑްރާފްޓް ކުރައްވައިގެން މި ގެންނެވި ޑްރާފަޓަކީ އަޅުގަނޑުމެނަށް، ދިވެހިންނަށް ފެނުނު މަންޒަރާއި އަޅުގަނޑުމެނަށް ކުރެވުނު އިހްސާސްތައް ކޮންމެ ވެސް ވަރަށް ދޮގު ކުރާ ޑްރާފްޓެއް. ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް ހުރި ޑްރާފްޓެއް. އަދި މިހާރު ހުރި ގޮތުން،" ސައީދު ވިދާޅުވި އެވެ.

    އޭނާ ވިދާޅުވީ އެ ޑްރާފްޓް ތައްޔާރުކޮށްފައި އޮތީ އެ ކޮމިޝަނަށް މައުލޫމާތުދިން އެތައް ބައެއްގެ ވާހަކަތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށާއި އެ ޑްރާފްޓް އިތުރަށް ބަލަމުންދާ ކަމަށެވެ. އަދި އެ ޑްރާފްޓްގައިވާ ކަންތައް މިހާރު ވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

    "ކޯނީގައި ހެކިބަސް ދިން އެތައް އެތައް އެތައް ބައެއްގެ ހެކި ބަހާއި ފެނުނު މަންޒަރަށް ރިއާޔަތް ނުކޮށް ލިޔެފައި އޮތް ޑްރާފްޓެއް ކަމަށް ބުރަވެވެނީ. މީގައި ބަލަން ޖެހޭ އެތައް ކަމެއް އެބަހުރި. އެކަން ބަލަމުން މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

    ކޯނީއަށް މައުލޫމާތު ދިން ފަރާތްތަކުގެ މައްޗަށް ރިއާޔަތްކޮށްފައި ނުވަނީ ވީޑިއޯ އާއި އޯޑިއޯ ފޮޓޯތައް ހުށަހަޅާފައިވާ އެއްޗެހި ކަމެއް ސައީދު ވިދާޅެއް ނުވެ އެވެ.

    އޭނާ ވިދާޅުވީ ކޯނީން މިހާރު ތައްޔާރު ކޮށްފައިވަ ޑްރާފްޓަކީ ފައިނަލް އެއްޗެއް ނޫންކަމަށާއި ފައިނަލް އެއްޗަކަށް ވާނީ ރިޕޯޓްކަމަށެވެ. އަދި އެހެން މެންބަރުން އެޑްރާފްޓާމެދު ދެކޭ ގޮތް އެބޭފުޅާއަށް އެނގިނުލައްވާކަމަށް ވެސް ވިދާޅުވިއެވެ.

    "އަޅުގަނޑު ކޯނީގެ މެންބަރަކަށް ހުރެ މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ދޭކަށް ބޭނުމެއްނުވޭ،" ސައީދު ވިދާޅުވިއެވެ.

    ސައީދުގެ ވާހަކަތަކާއި ގުޅޭ ގޮތުން ކޮމިޝަނުގެ ރައީސް އިސްމާއިލް ޝަފީއުއަށް ގުޅާލުމުން އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ އެބޭފުޅާގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.

    މިއަދު މުލީއާގެ ކައިރީގައި ސައީދު ނުސްވެރިންނަށް މައުލުމާތުދެއްވި އިރު އެމްޑީޕީގެ ޕާލިމެންޓް ގުރޫޕްގެ ބައެއްމެންބަރުންނާއި އެޕާޓީގެ ކައުން ސިލް މެންބަރުންގެ އިތުރުން އާއްމުންވެސް ވަނީ އެތަނަށް އެއްވެ ކޯނީގެ ޑްރާފްޓު ރިޕޯޓާއި ގުޅިގެން އަޑުއުފުލާފަ އެވެ.

    އެމްޑިޕީގެ މެންބަރުން އެތަނުގައި އަޑުއުފުލަމުން ދަނިކޮށް ރަޔަޓް ފުލުހުން އެމީހުން ވަނީ މުލީއާގެ އިރުމަތިފަރާތުން ވުޑް އެޕަލް ގޯޅިއާއި ހަމައަށް ފަހަތައް ޖައްސާފައެވެ. އެސަރަހައްދުން އެކަކު ފުލުހުން ހައްޔަރު ކުރާ މަންޒަރު ނޫސްވެރިންނަށްވަނީ ފެނިފައެވެ. ނަމަވެސް އެސަރަހައްދުގައި އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ނިހިގައެވެ.