އަންލިމިޓެޑްކޮށް ފޯނުން ގުޅައި އެސްއެމްއެސް ކުރެވޭނެ ޕެކޭޖެއް ވަތަނިއްޔާއިން މިއަދު ތައާރަފުކޮށްފި އެވެ.

އާ ޕެކޭޖާބެހޭ ގޮތުން މައުލޫމާތު ދޭން މިއަދު ނަސަންދުރާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަތަނިއްޔްާގެ ސީނިއާ އެގްޒެކެޓިވް ޑިޖިޓަލް މީޑިއާ އަހުމަދު ޒަރީރު ވިދާޅުވީ"ލިވް އަންލިމިޓެޑް" ގެ ނަމުގައި މިއަދު ތައާރަފުކުރި ހިދުމަތު ސަބަބުން އަންލިމިޓެޑްކޮށް ގުޅުމުގެ ފުރުސަތު ލިބި، މިހާރު ހިލޭ ގުޅޭ ނަމްބަރުތަކަށް އޮތް ލިމިޓް އުވިގެންދާނެ ކަމަށެވެ.

ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވި ގޮތުގައި ވަތަނިއްޔާގެ ޑަބްލިޔު ޕްރިޕެއިޑް އަދި ޑަބްލިއު ޕޯސްޓްޕެއިޑް ކަސްޓަމަރުނަށް ބޭނުންކުރެވޭ އެ ހިދުމަތުގައި ހިމެނެނީ އަންލިމިޓެޑްގެ ދެ ޕެކޭޖެވެ. އެގެ ތެރެއިން އަންލިމިޓެޑް 299 ގެ ޕެކޭޖްގައި މަހުފީއަކަށް 299ރ. ދެއްކުމުން ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށް އިތުރު ފީއަކާ ނުލައި އެއް މަސްދުވަހުގެ ތެރޭގައި ހިލޭ އަންލިމިޓެޑްކޮށް ގުޅޭނެ އެވެ. އަދި އަންލިމިޓެޑް 399 ޕެކޭޖްގައި މަހުފީއަކަށް 399ރ. ދެއްކެމުން ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށް ވެސް އިތުރު ފީއަކާނުލައި އެއް މަސްދުވަހުގެ ތެރޭގައި ހިލޭ އަންލިމިޓެޑްކޮށް ގުޅާލެވޭއިރު ބޭނުން ވަރަކަށް ހިލޭ އެސްއެމްއެސް ކުރެވެއެވެ. މިޕެކޭޖްގައި ރާއްޖޭގެ އެހެން ނެޓްވޯކަކަށް ގުޅާނަމަ ނަގަނީ މިނިޓަކަށް 55ލ. އެވެ.

"މިއީ ރާއްޖޭގައި އަލަށް ތައާރަފުކުރި ޕެކޭޖެއް، ދެން މި ޕެކޭޖައް އެކްޓިވޭޓް ކުރަންވެސް ވަރަށް ފަސޭހަ. އެގޮތުން މިހާރު ލިބެން ހުންނާނެ މިޕެކޭޖުގެ ރީޗާޖް ކާޑުތަކެއް އެރީޗާޖް ކާޑް ރީޗާޖް ކޮށްލުމުން ވަގުތުން ސަކްސްކްރައިބް ކުރެވޭނެ. ލިވް އަންލިމިޓެޑް ރާސްޓަސް، މިސާލަކަށް 399 ޕެކޭޖް ބޭނުންވާނަމަ އެ އަދަދު ލިވް އަންލިމިޓެޑް ރާސްޓަސް ކުރެއްވުމުން އެހިދުމަތް ލިބިގެންދާނެ، ޕޯސްޓްޕެއިޑް ކަސްޓަމަރުން ވެސް އެސްއެމްއެސް ބޭނުންކޮށްގެން ވެސް އެކްޓިވޭޓް ކުރެވޭނެ،" ޒަމްރާ ވިދާޅުވި އެވެ.

ރީޗާޖްކުރަން ބޭނުންވާ ރާސްޓަސްއާއި ރީޗާޖްކާޑް ވަތަނިއްޔާގެ ފިހާރަތަކުނާއި އާންމު ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެޕެކޭޖަށް އެކްޓިވޭޓް ކުރަން ޕެކޭޖްގެ ކީވޯޑް ޖެހުމަށްފަހު 1111 އަށް އެސްއެމްއެސް ކުރުމުން އެކްޓިވޭޓް ކުރެވެނެ އެވެ.

"އަންލިމިޓެޑް 299" ކީވޯޑަކީ 299 އެވެ. އަދި "އަންލިމިޓެޑް 399" ކީވޯޑަކީ 399 އެވެ.

ވަތަނިއްޔާއިން މިހާރުވެސް ވަނީ މުއާސަލާތީ ހިދުމަތްތަކުގައި އާ ހިދުމަތްތަކާއި ޓެކްނޮލޮޖީ ތައާރުފަކޮށްފަ އެވެ.