ނެހެރޫ ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ އިންޑިޔާއަތުން 3-0 ލަނޑުން ރާއްޖެ ބަލިވި ނަމަވެސް، ރާއްޖެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ)ގެ ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އިންޑިއާ ޓީމުގެ ނެދަލެންޑްސްގެ ކޯޗް ވިމް ކުވާމަންސް ބުނެފި އެވެ.

ރާއްޖެ އަތުން މޮޅުވެ މުބާރާތުގެ ފައިނަލުގެ ފުރުސަތު ބޮޑު ކުރި އިންޑިޔާގެ ކޯޗް ވިމް ކުވާމަންސް އިއްޔެގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަކީ ބަދަލުތަކެއް ގެނެވޭ ފަދަ މޮޅެތި ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި އެޓީމުގެ ފޯވާޑް އަޝްފާގަކީ ހުނަރުވެރި މޮޅު ފޯވާޑެއް ކަމަށެވެ. އަދި ދަނޑު މަތީގައި އަޝްފާގް ދައްކާ ހުނަރުތަކާއި މޮޅެތި އުކުޅުތަކަކީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ފަރާތުން ބަލާ މީހާ އަށް ފެންނާނެ އެންމެ ހިތްހަމަޖެހޭ ވަރުގެ މޮޅެތި އުކުޅުތަކެއް ކަމަށް ވެސް އިންޑިއާގެ ކޯޗް ބުންޏެވެ.

"ރާއްޖޭގެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގުގެ ކުޅުން ވަރަށް ކަމުދޭ. އަހަރެންނަށް އަދި ކިރިޔާ ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ފެންވަރު މިއިގުނީ. ވަރަށް ފުރިހަމަ. ހާއްސަކޮށް ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔަކީ ކެޕްޓަން އަޝްފާގް" އިންޑިއާގެ ކޯޗުކަމާއި ދާދި ފަހުން ޙަވާލުވި ކުވާމަންސް ބުންޏެވެ.

މީގެއިތުރުން ކުވާމަންސް ބުނީ، މިމުބާރާތުގައި ނޭޕާލް އަތުން 2-1 ލަނޑުން ރާއްޖެ މޮޅުވި މެޗުގައި ރާއްޖޭގެ ޓީމުގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށާއި، ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ޓީމުން ދަގަނޑޭގެ ކުޅުން ވަރަށް ފާހަގަކޮށްލެވޭ ކަމަށެވެ.

އިންޑިޔާގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އިންޑިޔާ އާއި ސީރިއާ އަދި ކެމަރޫނާއި ރާއްޖޭގެ އިތުރުން ނޭޕާލް ބައިވެރިކޮށްގެން ކުޅޭ 100000ޑޮލަރުގެ މި މުބާރާތުގެ ފައިނަލަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅެނިމޭ އިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އިންޑިޔާ ހަ ޕޮއިންޓާ އެކު އެއްވަނާގައި އޮތް އިރު ރާއްޖެ އަށް ތިން ޕޮއިންޓް އަދި ސީރިއާ އާއި ކެމަރޫނަށް ލިބފައި ވަނީ އެއް ޕޮއިންޓެވެ. ނޭޕާލަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.