ރާއްްޖޭގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ ނޭޝަނަލް އުންކުއަރީ ކޮމިޝަން (ކޯނީ)ގެ ރިޕޯޓް ކޮންމެ ގޮތަކަށް ނުކުތަސް ގަބޫލު ކުރައްވާނެ ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ނިންމައިފި ނަމަ އެ ރިޕޯޓް ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ބައެއް މެންބަރުން ބުނަން ފަށައިފި އެވެ.


ކޯނީގެ ރިޕޯޓް ނެރުމަށް ހަފުތާ އަކަށް ވެފައި ވަނިކޮށް، ރޭ އުސްފަސްގަނޑުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދެއްކެވި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ ކޯނީން ވިޔަސް އަދި އެހެން ތަނަކުން ވިޔަސް، ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ބުންޏަސް އެ ޕާޓީން ދެކޭ ގޮތަށް ބަދަލެއް ނާންނާނެ ކަމަށާއި ވެރިކަން ބަލުވީ ބަޣާވާތަކުން ކަމަށެވެ.

އެމްޑީޕީގެ މެމްބަރު އަދި ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އަލީ ފާއިޒު ވިދާޅުވީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމުގެ ފުރިހަމަ ހެކި އެމްޑީޕީ އަށް ވަނީ ލިބިފައި ކަަމަށާއި ހަތެއް ފެބްރުއަރީގައި ރާއްޖޭގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ނުވާ ނަމަ މިރާއްޖޭގައި ދެން ބަޣާވާތެއް ހިނގާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ކޯނީގެ ރިޕޯޓުން އެއީ ބަޣާވާތެއް ނޫން ކަމަށް ނިންމައިފި ނަމަ، އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ބަޔަކު ނުކުމެ، ހަތެއް ފެބްރުއަރީގައި (އޭރުގެ އިދިކޮޅު ފަރާތްތަކާއި ސިފައިންނާއި ފުލުހުން) ކަންތައް ކުރިގޮތަށް ކަންތައް ކުރި ގޮތަށް ކަންތައްތައް ކޮށްގެން ވެރިކަމަށް އަޔަސް އެއީ ގާނޫނީ ކަމަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ހިނގައި ދިޔައީ ބަޣާވާތެއް ނޫން ކަމަށް ކަނޑައަޅައިފި ނަމަ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނުކުމެ. އެ ދުވަހު އެމީހުން ކަންތައް ކުރި ގޮތަށް، އެއްވެސް ކަމެއް އިތުރު ނުކޮށް، ކަމެއް އުނިކޮށްލުމަކީ މައްސަލައެއް ނޫން، ވެރިކަމަށް އައުމަކީ ހަމަ އެންމެ ރަނގަޅު ކަމަކަށް ވެގެންދާނެ، " ފާއިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ނަމަވެސް އެމްޑީޕީން އެގޮތަށް ކަންތައް ކުރަން ބޭނުން ނުވާ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ކޮންމެ ތަނަކުން ރިޕޯޓެއް ނެރުނަސް ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ހިނގައި ދިޔަ ކަންތައްތަކަކީ ބަޣާވާތަކަށް ނުވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވަނީ ފެބްރުއަރީ ހަތްވަނަ ދުވަހު ހިނގައި ދިޔަ ކަންތައްތަކަކީ ބަޣާވާތެއް ނޫން ކަމަށް، ކޮންމެ ތަނަކުން ރިޕޯޓް ނެރުނަސް ނުވާނެޔޭ، އެއީ ހަމަ ބަޣާވާތެކޭ،" ވިދާޅުވީ ބަޣާވާތެއްގައި ހިންގާނެ ހުރިހާ އަމަލުތަކެއް އެދުވަހު ހިންގާފައިވާ ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ ބަޣާވާތަށް ފަހު ދިވެހި ރައްޔިތުން ގޮތެއް ނިންމަން ފުރުސަތު ލިބޭ ދުވަހަކީ (ކޯނީގެ ރިޕޯޓް ނެރުމަށް ހަމަޖެހިފައިވާ) މި މަހުގެ 30 ވަނަ ދުވަސް ކަމަށާއި އެދުވަހު ގޮތެއް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ނުދީފި ނަމަ ދެން އަނެއްކާ ވެސް ފެނިގެން ދާނީ އަނިޔާވެރި ދުވަސްތަކެއް ކަމަށެވެ.

"..އެ ދުވަހު ގޮތެއް ނިންމުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުދީފި ނަމަ ދެން ފެނިގެންދާނީ އަނިޔާވެރި ދުވަސްތަކެއް، ކަޅު ދުވަސްތަކެއް،" އަހުމަދު އަބުދުﷲ ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓާ އެކު އެމްޑީޕީން މަގުތަކަށް ނުކުމެ ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު އަހުމަދު ނާޒިމު ތުހުމަތު ކުރެއްވި ގޮތުގައި ބަޣާވާތުގައި އެންމެ އިސްދައުރެއް އަދާކުރި އެއް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އަށް ތައުފީގު ފޮނުއްވީ ކުރީގެ ރައީސް މައުމޫން ކަމަށް ވެސް އޭނާ ތުހުމަރު ކުރެއްވި އެވެ.

ކޯނީން ވިޔަސް އަދި އެހެން ތަނަކުން ވިޔަސް ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ގަބޫލުނުކުރާނެ ކަމަށް ރޭ އެމްޑީޕީން ކުރިން ބުނެފައި ވާއިރު އެޕާޓީން ކުރިން ބުނަމުން އައީ އެރިޕޯޓަށް އިހުތިރާމް ކުރާނެ ކަމަށެވެ. އަދި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އާއި އެމްޑީޕީން އެދެމުން ދިޔަ ގޮތަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ އެކުލެވުމާއި ޓާމްސް އޮފް ރިފަރެންސް ބަދަލުކުރުމުން އެމްޑީޕީން އޭރު ވަނީ އެ ކޮމިޝަނަށް އިތުބާރު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެއީ ކާމިޔާބީއެއް ކަމަށް ވެސް އެޕާޓީން އޭރު ބުންޏެވެ.

އަދި ކޯނީގެ ރިޕޯޓް ނުކުންނަ އިރު އޭގައިވާ އެއްޗެއް ގަބޫލުކުރަން ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެގޮތުން އެރިޕޯޓްގައިވާ އެއްޗެއް ހިތުގެ އަޑިން ގަބޫލުކުރަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށް މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އުސް ފަސްގަނޑުގައި އޮތް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކޮށްގެން މިތިބީ ކޮމިޝަންގެ ރިޕޯޓުގައި ތިބި އެއްޗެއް ގަބޫލުކުރަން. އެގޮތަށް އަޅުގަނޑުމެން ގަބޫލުކުރަން. އަޅުގަނޑުގެ އިލްތިމާސަކީ އެ ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުގެ މައްޗަށް އަޅުގަނޑުމެން އަމަލު ކުރުމަށް. އަޅުގަނޑަށް ޔަގީން ކަށަވަރު އެ ރިޕޯޓުގައި އަޅުގަނޑުމެން ނޭދޭ ގޮތަކަށް ނުވަތަ އަޅުގަނޑުމެން ނުދެކޭ ތަނެއްގެ ވާހަކަ އަޅުގަނޑުމެން ނުކުރާ ތަޖުރިބާއެއް އޭގައި ބަޔާންވެގެނެއް ނުދާނެ. އޭގައި ވަރަށް ސާފުކޮށް އޮންނާނެ ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ ނުހަމައިން ކަން،" ނަޝީދު ވިދާޅުވި އެވެ.