ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ ކޯ ޗެއާ، ސިންގަޕޫރުގެ ރިޓާޔާރޑް ފަނޑިޔާރު ޖަސްޓިސް ޖީޕީ ސެލްވަމް ތިން ހަފުތާގެ ޗުއްޓީއެއްގައި ހުންނެވުމަށް ފަހު އިއްޔެ އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާލުވީ ސެލްވަމް ޗުއްޓީގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ އިއްޔެ ކަމަށާްއި އެބޭފުޅުން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތަކީ ކޯނީގެ ރިޕޯޓް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ. ރިޕޯޓް ފައިނަލް ކުރުމުގެ މަސައްކަތުގައި ފަސް މެންބަރުން ވެސް ޝާމިލްވާނެ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓް މިއަންނަ ބުރާސްފަތި ދުވަހު މީޑިއާ އަށް އާއްމު ކުރުމަށް ހަމަޖެހިފައިވާ އިރު އެ ރިޕޯޓް ބުދަ ދުވަހު ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދަށާއި ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އަށާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދުގެ އިތުރުން ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރަށް ހުށައަޅުއްވާނެ އެވެ.

ކޯނީގެ ރިޕޯޓް މިހަފްތާގެ ތެރޭގައި ނެރެން ހަމަޖެހިފައިވާ އިރު ސިޔާސީ އިސް ފަރާތްތަގެ އިތުރުރުން 250 އަށް ވުރެ ގިނަ މީހުންނާ އިންޓަވިއުކޮށް މައުލުމާތު ހޯދާފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.