އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އަތުން 2-0 ލަނޑުން މޮޅުވެ ލީގް ތާވަލްގެ އެއްވަނާގައި ޗެލްސީއިން ދަމަހައްޓަމުން އަންނަ ލީޑް އަނެއްކާ ވެސް ތިން ޕޮއިންޓަށް ފުޅާކޮށްފި އެވެ.

ނިއުކާސަލްއާ ދެކޮޅަށް ޗެލްސީ ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް އެޓީމަށް ހޯދައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ހެޒާޑެވެ. މެޗުގެ 22 ވަނަ މިނެޓުގައި ހެޒާޑް ޗެލްސީއަށް ކުރި ހޯދާދީފައި ވަނިކޮށް، އެ ޓީމަށް ލީޑް ފުޅާކޮށްދިން ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ހުނަރުވެރި ފޯވާޑް ފެނާންޑޯ ޓޮރޭސް އެވެ.

ރޭގެ މޮޅާ އެކު ތާވަލްގެ އެއް ވަނާގައި ޗެލްސީ އޮތީ ދެ ވަނާގައި މިވަގުތު އޮތް ސްވެންސޭއަށް ވުރެ އިތުރު ތިން ޕޮއިންޓުގެ ކުރިއެރުމަކާކު ނުވަ ޕޮއިންޓާ އެކު އެވެ. އަދި ރޭ ޗެލްސީ އަތުން ބަލިވި ނިއުކާސަލް އޮތީ ތިން ޕޮއންޓާ އެކު ތާވަލްގެ ނުވަ ވަނާގަ އެވެ.

ރޭގެ މަޗަށް ފަހު ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމަޓޭއޯ ބުނީ، ޓީމުގެ ފަރާތުން ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ. އަދި ލީގުގައި ކުރިއަށް ހުރި މެޗްތަކަކީ ފަސޭހަ މެޗްތަކަކަށް ނުވާނެ ކަމަށާއި އެމެޗު ތަކުން ވެސް މޮޅުވުމަށް މިހާރަށް ވުރެ އިތުރަށް ޓީމް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މިފަހަރުގެ ލީގުގައި ޓީމް އޮތީ ރަނގަޅު ފޯމޭޝަނެއްގައި. ޓީމުން ދައްކަމުންއަންނަ ކުޅުމާ މެދު ވަރަށް ހިތް ހަމަޖެހޭ. ލީގުގައި ދެން އޮތީ ވަރަށް ވާދަވެރި މެޗްތަކެއް. އެ މެޗުތަކަކީ އުނދަގޫ މެޗްތަކެއް'" ޗެލްސީގެ ކޯޗް ރޮބާޓޯ ބުންޏެވެ.

ލީގުގައި މިހާތަނަށް ޗެލްސި ކުޅުން ތިން މެޗުން މޮޅުވެ، ލީގުގެ އެއްވަނަ މަގާމް ދަމަހައްޓާފައިވާ އިރު، ފުރަތަމަ މެޗުން އެޓީމް މޮޅުވީ ވިގަން އަތުން 2-0 ލަނޑުންނެވެ. އަދި ދެ ވަނަ މެޗުން އެޓީމް މޮޅުވީ މިފަހަރުގެ ލީގަށް އަލަށް ޕްރޮމޯޓިވް ރެޑިން އަތުން 4- 2 ލަނޑުން ނެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާ އިރު، ވެސްޓް ހާމް އަތުން ސްވެންސީ ވަނީ 3-0 ލަނޑުން ބަލިވެފަ އެވެ. އަދި އެވަޓަން އަތުން 3-1 ލަނޑުން އެސްޓަން ވިލާ ބަލިވި އިރު، ފުލަމް އަތުން މެންޔޫ ވަނީ 3-2 ލަނޑުން މޮޅުވެފަ އެވެ. އަދި ނޯވިޗް އާއި ދެކޮޅަށް ކިއުޕީއާރް ބައްދަލުކުރި މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. އަދި ޓޮޓެންހަމް އަތުން ވެސްޓް ބޮރޯމް މޮޅުވީ 2-0 ލަނޑުންނެވެ.