26 Aug 2012, 09:58
ރިޔާޟް (އޮގަސްޓް 26): ސަޢޫދީ ޚާރިޖީ ވަޒީރު ސުޢޫދުލްފައިސަލް ގެ ސިއްޙީ ޙާލުކޮޅު ރަނގަޅު ކަމަށާއި ބަނޑުފުޅުގެ އޮޕަރޭޝަނަކަށް ފަހު އޭނާގެ ޙާލަތު ރަނގަނޅުވަމުން އަންނަ ކަމަށް ސަޢޫދީ އަރަބިޔާ އިން ބުނެފި އެވެ.
ސަޢޫދީ ޝާހީ އާއިލާގެ ކަންތައްތަކާ ބެހޭ އިދާރާއިން ބުނީ މިމަހުގެ 11 ވަނަ ދުވަހު އެ ޤައުމުގެ ޚާރިޖީ ވަޒީރު ސަޢޫދުލްފައިސަލަށް ކުރިމަތިވެވަޑައިގެންނެވި ކުއްލި އާލާސްކަންފުޅާ ގުޅިގެން ސަޢޫދީ ހޮސްޕިޓަލެއްގައި ސުޢޫދުގެ ގޮހޮރުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު އޭނާގެ ޙާލުކޮޅު އަންނަނީ ރަނގަނޅުވަމުން ކަމަށާއި ކުރިޔަށްއޮތް ހައެއްކަ ދުވަހުގެ ތެރޭގައި އޭނާ ހޮސްޕިޓަލުން ނުކުމެވަޑައިގެން ގެއަށް ވަޑައިގަންނަވާނެ ކަމުގަ އެވެ.
ސައޫދީ ސަރުކާރުން މިހެން ބުނެފައި މިވަނީ މައިބަދައިގެ އާލާސްކަންފުޅެއްގައި ސަޢޫދުލްފައިސަލްގެ ސިއްޙީ ޙާލުކޮޅު ވަރަށް ބޮޑުކަމަށާއި ސައޫދުގެ ފުރާނަ އަށް ނުރައްކާވާ ޙާލަތުގައި އޭނާ އޮންނެވި ކަމަށް އެމެރިކާގައި ޙަރަކާތްތެރިވާ ސައޫދީ އިދިކޮޅު ޖަމާއަތަކުން އިއްޔެ ޚަބަރުތަކެއް ފަތުރާފައިވަނިކޮށެވެ.
މި އޮގަސްޓް މަހުގެ އެގާރަވަނަ ދުވަހު ސަޢޫދަށް އާލާސްކަންފުޅު ކުރިމަތިވެވަޑައިގެންނެވީ އިސްލާމީ ޤައުުމުތަކުގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ޖިއްދާގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ފެށުމުގެ ތެރޭގަ އެވެ.
މިއާލާސްކަންފުޅުގެ ސަބަބުން އެބައްދަލުވުމުގައި ވެސް އަދި މައްކާގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ ސަމިޓްގައި ވެސް ބައިވެރިވެ ވަޑައިގަތުމުގެ ފުރްސަތު ސަޢޫދަށް ލިބިވަޑައިގެންފައެއް ނުވެ އެވެ.
ނަވާރަސަތޭކަ ހަތްދިހަ ފަސްވަނައަހަރު ސަޢޫދީ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޢައްޔަންކުރެވުނު ސަޢޫދުލްފައިސަލް އަކީ ދުނިޔޭގައި މިހާރު ހުންނެވި އެންމެ ގިނަދުވަސްވީ ޚާރިޖީ ވަޒީރެވެ. އޭނާއަކީ ސައޫދީ ކުރީގެ ރަސްކަލެއް ކަމަށްވާ ކިންގް ފައިސަލްގެ ދަރިކަލެކެވެ. އުމުރުން 72 އަހަރުގެ ސަޢޫދު އާލާސްކަންފުޅުގައި އުޅުއްވާތާ މިހާރު އަހަރުތަކެއް ވެއްޖެވެ. (އަލްޖަޒީރާ)