ވޮޝިންގޓަން (އޮގަސްޓް 26) : އެމެރިކާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ނީލް އާމްސްޓްރޯންގް އުމުރުން 82 އަހަރުގައި ރޭ އަވަހާރަ ވެއްޖ އެވެ.

ނީލް އާމްސްޓްރޯންގް އަކީ 1969ގައި އެމެރިކާ އިން އެންމެ ފުރަތަމަ ހަނދަށް ފޮނުވާލި ޖައްވީ އުޅަނދު "އެޕޯލޯ 11"ގެ އިސްކޮމާންޑަރެވެ. މިއުޅަނދު ހަނދަށް ތިރިކުރުމަށް ފަހު އާމްސްޓްރޯންގް ހަނދަށް ފޭބިކަމަށް އެމެރިކާ ބުނެފައި ވަނީ 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާއަކީ ހަނދުގައި ފައިތިލަ ބީއްސުމުގެ ފަޚްރު ލިބުނު ފުރަތަމަ އިންސާނާ ކަމަށް އެމެރިކާ ބުނެ އެވެ.

އާމްސްޓްރޯންގް ހަނދަށް ދިޔަކަމަށް އެމެރިކާ ބުނި ދުވަސްވަރަކީ އެމެރިކާ އާއި ކުރީގެ ސޮވިއެޓް ޔުނިޔަންއާ ދެމެދު ފަޒާއާއި ސައެންސްގެ އެހެންދާއިރާތަކުގައި އާދަޔާ ޚިލާފް ވާދަވެރިކަމެއް އޮތް ފިނި ހަނގުރާމައިގެ ދުވަސްވަރު ކަމަށްވެފައި އިންސާނަކު ފުރަތަމަ ޖައްވަށް ފޮނުވީ ކުރީ ރޫސީވިލާތުން ކަމަށް ވާތީ ފަޒާގެ ރޮނގުގައި ރޫސީވިލާތަށް ވުރެ މާފަހަތުގައި އޮތް އެމެރިކާ ކުއްލި ގޮތަކަށް ހަނދަށް އިންސާނަކު ފޮނުވިކަމަށް އެދުވަސްވަރު އެމެރިކާ ފެތުރި ވާހަކަތަކުގެ ސައްޙަ ކަމާމެދު ޢިލްމީ ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެ އެވެ.

އާމްސްޓްރޯންގް ހަނދަށް ދިޔަ މައްސަލައާ ގުޅިގެން ޢިލްމީ ފަރާތްތަކުން އުފެއްދި ސުވާލުތަކަށް އެމެރިކާގެ ފަޒާއާބެހޭ އިދާރާ "ނާސާ" އަށް ޖަވާބު ދެވިފައެއް ނުވެ އެވެ. ނަމަވެސް އާމްސްޓްރޯންގް ހަނދަށް ނުދާކަން ވެސް މިކަމުގައި ސުވާލު އުފެއްދި ފަރާތްތަކަށް ކަަވަރުކޮށްދެވިފައެއް ނުވެ އެވެ.

ނީލް އާމްސްޓްރޯންގް އުފަންވެފައި ވަނީ 1930 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އެމެރިކާގެ އޮހާޔޯ އަށެވެ. އޭނާއަކީ އެންމެ ފުރަތަމަ ފަޒާއަށް ދިޔަ ރަޝިޔާގެ ޔޫރީ ގަގަރީން އަށް ފަހު ފަޒާއަށްދިޔަ ދެވަނަ މީހާއެވެ. އަދި ހަނދަށް ފޭބި ދުނިޔޭގެ ފުރަތަމަ އެސްޓްރޮނޯޓްވެސް މެއެވެ. އާމްސްޓްރޯންގް އަކީ ކުޅަދާނަ ޕައިލެޓެއްގެ އިތުރުން ޕްރޮފެސަރެކެވެ.

އާމްސްޓްރޯންގް އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ކަމަށާއި ހިތުގެ ކްރޮނަރީ އާޓިރޭސްތައް ބެދިގެން އެނާރުތަކުން ސަރުބީ ނައްތާލައި ނާރުތައް ސާފުކުރުމުގެ އޮޕަރޭޝަނެއް މިމަހު އޭނާ އަށް ކުރެވިފައިވާ ކަމަށް އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. (ނޫސްއެޖެންސީތައް)