26 Aug 2012, 09:23
ކޮލަމްބޯ އިން: އަހުމަދު ނާއިފު
އަމިއްލަ ގައުމުގައި ދިރިއުޅުމަށް ވުރެ ބޭރުގައުމެއްގައި ދިރިއުޅުމަކީ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމެކެވެ. އެ އުނދަގޫތަކާ އެކު ވެސް އެހެނިހެން ފަސޭހަތަކަށް ޓަކައި ގައުމު ދޫކޮށް ބޭރުގައި ދިރިއުޅޭ ކިތަންމެ ބަޔަކު އުޅެ އެވެ. އެގޮތުން ލަންކާއަކީ ދިވެހިންގެ ގިނަ ބަޔަކު ކިޔެވުމާއި އަދިވެސް އެހެން ބޭނުންތަކުގައި ވަރަށް ގިނައިން އަންނަ ގައުމެކެވެ. ބައެއް ދިވެހިން ލަންކާގައި ވަޒަންވެރިވެގެން ވެސް ދިރިއުޅެ އެވެ. ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ހިސާބުތައް ދައްކާ ގޮތުްނ ދިވެހިންގެ 8000 ހެއްހާ މީހުން ލަންކާގައި އަންނަނީ ދިރިއުޅެމުންނެވެ.
"އަޅުގަނޑު މިހާރު 11 އަހަރު ވެއްޖެ މިކޮޅުގައި އުޅޭތާ ޗުއްޓީއަށް މިދަނީ. އެކަމަކު މިއީ ފަސޭހަކަމެއް ނޫން. އެތައް ދަތިތަކެއް ކުރިމަތިވޭ. ކުރީގެ ރައީސްއާ ވެސް އެވާހަކަ ދެންނެވިން. ވިދާޅުވި ބައްލަވާނަމޭ. މިފަހަރު ރަނގަޅުވާނެ ކަމަށް މިބަލަނީ،" ރައީސްގެ ބައްދަލުވުމަށް އިއްޔެ ގޮސް ހުރި ލަންކާގައި ދިރިއުޅޭ ފާތިމަތު އީސާ ސަން އޮންލައިންއަށް ބުންޏެވެ.
ރައީސް އިއްޔެ ގިނަ ދިވެހިންނާ ބައްދަލުކުރެއްވިއިރު ވެސް ގިނަ ބަޔަކު ވަނީ ދިވެހިން ލަންކާގައި އުޅެން ޖެހޭ ދަތިކަމުގެ ޝަކުވާތައް ރައީސްއާ ހިއްސާކޮށްފަ އެވެ. ލަންކާގައި ދިރިއުޅުމުގައި ދިވެހިންނަށް ބޮޑެތި ދަތިތަކެއް ހުރިކަން ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންގެ ވާހަކަތަކުން އެނގެ އެވެ. އޭގެ ތެރެއިން ބައެއް އާއިލާތަކުން ވަނީ އެ މީހުންގެ ޝަކުވާތައް ސަން އޮންލައިންއާ ވެސް ހިއްސާކޮށްފަ އެވެ.
ލަންކާގައި ސްކޫލް ޕްރިންސިޕަލް ޓްރޭނިން ހަދަމުން އަންނަ އިބްރާހިމް ހަނީފު ވިދާޅުވީ ވިސާ ލިބުމުގެ ދަތިކަމަކީ އެންމެ ބޮޮޑު މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުން ވިސާއަށް އެޕްލައިކޮށްގެން ހަތް ދުވަހުގެ ދިގު މުއްދަތެއް ނަގާ އިރު އެއީ ގިނަ ދުވަސްތަކެކެވެ. އޭގެ ސަބަބުން އަތުންދާ ހަރަދުތައް އިތުރުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ދެން މީގައި މިވާ އަނެއް ގޮތަކީ ކޮންމެވެސް އެއްޗެއް އިމިގުރޭޝަންގައި ތިބޭ މީހުންނަށް ދީގެން އެކަން އެބަ ނިންމާލާ ބައެއް މީހުން އެއްދުވަހަކުން. ދެން ތިބޭ މީހުން ހަތް ދުވަސް ވަންދެން އެޕްލައިކޮށްގެން މަޑުކުރަން ޖެހެނީ. އަޅުގަނޑުމެންނަކީ މިތާ ކިޔަވަން ތިބޭ މީހުން. އެހެންވީމާ ހަތް ދުވަސްވީމާ އެ ވަގުތު ދިގުވަނީ. އަނެއްކާ ހަމަހަމަކަން މިހާރު ނެތީ،" ހަނީފު ވިދާޅުވި އެވެ. "މިކަން މިއަށް ވުރެ ރަނގަޅު ކުރެވޭނެ،"
ވިސާހޯދުމަކީ ކޮންމެ ގައުމެއްގައި ވެސް އެންމެ އުނދަގޫ އެއް މައްސަލަ އެވެ. އަވަށްޓެރި އިންޑިއާގައި ދިރިއުޅޭ ގިނަ ދިވެހިންގެ ޝަކުވާތައް ވެސް ވިސާ މައްސަލައާ ވަނީ ގުޅިފަ އެވެ. ނަމަވެސް ލަންކާގައި ތިބޭ ދިވެހިންގެ ޝަކުވާއަކީ މިހާރަށް ވުރެ ފަސޭހަގޮތްތަކެއް ވިސާ ޖެހުމުގައި ހަމަޖެހިފައި ނެތުމެވެ. ގިނަ ދިވެހިން ބުނަނީ އެއަށް ވުރެ ފަސޭހަގޮތްތަކެއް ވިސާ މައްސަލައިގައި ހަމަޖެހެން ޖެހޭނެ ކަމަށެވެ.
"މީގައި މައްސަލައަކީ މިއަށް ވުރެ ފަސޭހަގޮތެއް ނުހޯދުން، އަޅުގަނޑު މިތަނުގައި އުޅޭތާ ވެސް ފަސް އަހަރު ހަމަ މިހެން މި އޮންނަނީ، މީގައި ޕްރޮގުރެސް އެއްނެތް،" އާއިލާއާ އެކު ލަންކާގައި ދިރިއުޅޭ މަރިޔަމް ބުންޏެވެ. "މީގައި ހައިކޮމިޝަނަށްް ވެސް އެކަށީގެންވާ މަސައްކަތް ނުކުރެވުން މިއީ މައްސަލައެއް،"
ވިސާނުލިބިމުގައި ޒަމާންވީ ދަތިތައް ހުރެ، ހައިކޮމިޝަނަށް ވެސް އެކަމުގެ އިނގިލި ދިއްކުރެވޭ އިރު، ހައިކޮމިޝަނާ ހުސެން ޝިހާބު ވިދާޅުވީ ލަންކާގައި އެންމެ ފަސޭހައިން ވިސާ ލިބެނީ ދިވެހިންނަށް ކަމަށެވެ. ނަމަވެސް ހައިކޮމިޝަނާ ވެސް ވިދާޅުވީ ވިސާ ލިބުމުގައި އެއަށް ވުރެ ވެސް ފަސޭހަގޮތްތަކެއް އަދި ވެސް ހަމަޖެއްސިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އެބޭފުޅުން އެ ފާހަގަ ކުރައްވައި ދަތިތައްވެސް އެބަ ހުރި، ނަމަވެސް ދިވެހިންނަކީ މިތަނުގައި އެންމެ ފަސޭހައިން ވިސާ ލިބޭ މީހުން، އެކަމަކު އަދިވެސް ލުއި ގޮތްތަކެއް ހަމަޖެއްސިދާނެ. އަޅުގަނޑު އެކަމަށް މަސައްކަތް ކުރާނަން،" ޝިހާބު ވިދާޅުވި އެވެ.
ދިވެހިން ލަންކާގައި ވަޒަންވެ ވެރިވެ ދިރިއުޅޭއިރު ލަންކާގެ އިކޮނޮމީއަށް ވެސް ދިވެހިންގެ މުހިންމުކަން ބޮޑެވެ. ދިވެހި އެތައް ބަޔެއްގެ ބާޒާރުކުރުން ހަމަޖެހިފައި އޮންނަނީ ލަންކާގަ އެވެ. އަދި ޔުނިވާސިޓީތަކަށް ދިވެހި ކުދިން ބޮޑަތި ހޭދަތަކެއް ކުރެ އެވެ. މަތީ ތައުލީމުގެ ބޮޑުބައި ދިވެހި ގިނަ ކުދިން ފުރިހަމަ ކުރާ އެއް ގައުމަކީ ލަންކާ އެވެ. ނަމަވެސް ބޭންކުން ނޫނީ އޭޓީއެމްތަކުން ލާރިނެގުމުގައި ދިވެހިންނަށް އޮންނަނީ ވަރަށް ހަނި އަދި އުނދަގޫ ގޮތްތަކެކެވެ. ކުދިންނަށް ކިޔަވައި ދިނުމަށް ލަންކާގައި ދިރިއުޅެމުން އަންނަ ނިހާޔަތު ޝަރީފު ބުނީ އޭޓީއެމްތަކުން ދުވާލަކަށް ނެގެނީ 200 ޑޮލަރު ކަމަށާއި ބޭންކުން ނަގާ ކޮމިޝަން ވެސް ބޮޑު ކަމަށެވެ. މިއީ މަދު ލާރިކޮޅަކުން އުޅެމުން އަންނަ ދިރިއުޅުމުގެ އާންމުހާލަތުގައި ދިރިއުޅޭ މީހުންނަށް ކުޅަދާނަ ކަމެއް ނޫންކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ވެސް ލާރި ލިބޭލެއް ގިނަ ކަމަކުން ނޫން، މިއުޅެނީ، ބޭންކުން އެބަ ނަގައި ބޮޑު ކޮމިޝަނެއް، އަނެއްކާ މި ދުވާލަކަށް މިނެގެނީ މަދުޑޮލަރުކޮޅެއް، މިކަން އެހެންވީމާ މިއަށް ވުރެ ފަސޭހަގޮތަކަށް ހަމަޖައްސަން، މިސާލަކަށް ބީއެމްއެެލް މެދުވެރިކޮށް ދިވެހިންގެ ތެރެއިން ކިޔަވަން ތިބޭ ކުދިންނަށް ލުއިތަކެއް ހަމަޖައްސަން،" ނިހާޔަތު ބުންޏެވެ.
ލާރި ނެގުމާއި ވިސާ ލިބުމުގައި ބޮޑަތި ހުރަސްތަކެއް ދިވެހިންނަށް ކުރިމަތިވެފައިވާ އިރު މިއީ ސީރިއަސް މައްސަލަތަކެވެ. އަދި އެހެން ސީރިއަސް މައްސަލައެއް ވެސް އެބަ އޮތެވެ. ލަންކާގެ ހައިކޮމިޝަން ދިވެހިންނާ މާރައްޓެހި ނޫން ވާހަކަ އެވެ. ހައިކޮމިޝަން ދިވެހިންނާއި ދުރު ބީރައްޓެހި ތަނަކަށްވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެނާއި އެމްބަސީއާ މާބޮޑު ގުޅުމެއް ނޯވޭ. މި އޮންނަނީ މިކަހަލަ ގޮތަކަށް މިކަން، އަޅުގަނޑުމެންނަށް ވަނީ ބީރައްޓެހި ތަނަކަށް، ގުޅުން ވަރަށް ކުޑަ، އެހެންވެ ކަމެެއް ދިމާވިޔަސް ދާނީ ކިހިނެތް ބާ،" ލަންކާގައި ކިޔަވަމުން އަންނަ ޝަރީފު ބުންޏެވެ.
ހައިކޮމިޝަނާ ޝިހާބު ވިދާޅުވީ ދިވެހިންނަށް ޓަކައި އެމްބަސީގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި ކަމަށެވެ. "އެއްވެސް ދިވެއްސަކު އެމްބަސީ އަށް އަންނަން ފަސްޖެހިގެން ނުވާނެ، އަޅުގަނޑުމެން ދިވެހިންނަށް އެހީވާނެ،" އޭނާ އަދި ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް ލަންކާގައި އުޅޭ ދިވެހިންނާ ގުޅުން ބަދަހި ކުރުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ލަންކާގައި ދިވެހިންނަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ބައެއް ފަހަރު އެއީ ދިވެހިންގެ އަމަލުތަކުގެ ސަބަބުން ވެސް އެކަން ދިމާވެދާނެ ގޮތެވެ. އަނެއްބައި ފަހަރު ޒިންމާދާރުވާން ޖެހޭ މީހުންގެ ފަރުވާ ކުޑަކަމުންނެވެ. ނަމަވެސް ހަގީގަތަކީ ލަންކާގައި ދިރިއުޅޭ ދިވެހިން ތިބީ ޒަމާންވީ ހުރަސްތަކަކުން ބަދެވިފައި ކަމެވެ. އެ ކަސްދޮޅުތައް ނައްޓައި ދިވެހިންނަށް ފަސޭހަގޮތްތަކެއް މިވަނީ މިހާރުން މިހާރަށް ވެސް ހަދައިދޭން ޖެހިފަ އެވެ.