26 Aug 2012, 09:35
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓަށް ފަހު އަމަލުކުރާނެ ގޮތަކާ ބެހޭ ގޮތުން ޕާޓީތަކުން ބާއްވާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުގައި އެއްވެސް ގައުމަކުން އަދި ބައިވެރި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު، ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ސިޔާސީ ޕާޓީގެ މަޝްވަރާތަކުގައި އަދި އެއްވެސް ގައުމަކުން މެދުވެރިއެއްގެ ގޮތުގައި ބައިވެރިނުވާނެ ކަމަށާއި އެކަމަކީ އެކަނި ކުރެވޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ބޭރުގެ މެދުވެރިއެއްނެތި ވެސް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަމަށް. އަޅުގަނޑު ފުރަތަމަ ބަލާނީ އެކަން އެގޮތަށް ކުރެވޭތޯ،" ރައީސް ވިދާޅުވި އެވެ.
ފެބުރުއަރީ 7އަށް ފަހު އުފެދިފައިވާ މައްސަލަތައް އެކުލަވާލުމަށް ބޭއްވި، ޕާޓީތަކުގެ މަޝްވަރާތަކުގައި އިންޑިއާ އިން ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ. އަދި ވާހަކަތަކުގެ މީޑިއާޓާ، އަހުމަދު މުޖުތަބާއަށް އެހީވުމަށް އދ. ވަނީ މީޑިއޭޝަން އެކްސްޕާޓެއް ވެސް ފޮނުއްވައިފަ އެވެ. ލަންކާ އަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއެއްގެ ގޮތުގައި ލަންކާއިން ބައިވެރިވުމަށް، އެ ގައުމުގެ ރައީސް ރާޖަ ޕަކްސާ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް، ރާޖަޕަކްސައާ އެކު ބޭއްވީ މަޝްވަރާތަކުގައި އެ ވާހަކަތައް ދެކެވުނު ކަމަށާއި ލަންކާ އިން އޮތީ ސުލްހައިގެ ވާހަކަތަކުގައި ރާއްޖެ އަށް އެހީތެރިވުމަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް ލަންކާގެ އެހީތެރިކަން ހޯދާނީ އެކަމާ ބެހޭ ގޮތުން ޕާޓީތަކާއި މަޝްވަރާކޮށް ޕާޓީތަކުގެ ރުހުން ހޯދައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމުގައި ޕާޓީތަކުގެ ހިޔާލު ހުރިގޮތެއް ބަލާފައި އެކަން [ލަންކާއަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ފުރުސަތުދޭނީ] އަޅުގަނޑު ކުރާނީ. އެކަމުގައި ޕާޓީތަކުގެ ވިސްނުން ބޭނުންވަނީ ،" ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން މި ސަރުކާރު ބަލައި ގެންފައިވާ ކަމަށް ފާހަގަ ކުރައްވަމުން ރައިސް ވިދާޅުވީ ސަރުކާރުގެ ސައްހަ ކަމާ މެދު މިހާރު ސުވާލު ނުއުފައްދާ ކަމަށާއި ރާއްޖޭގެ ސަރުކާރަށް ބޭރުގެ ޕްރެސަރެއް ނެތް ކަމަށެވެ.
ކޯނީގެ ރިޕޯޓް ރައީސް އަށް ހިއްސާ ކުރާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ. އަދި އެ ރިޕޯޓް އާންމު ކުރާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ރައީސް ވިދާޅުވެފައި ވަނީ ކޯނީގެ ރިޕޯޓާ ގުޅޭ މަޝްވަރާތައް މި މަހުގެ 27 އަދި 28 ގައި ބޭއްވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އެވާހަކަތަކުގައި ބައިވެރިވާނީ ޕާޓީތަކުގެ ލީޑަރުން ނުވަތަ ޑެޕިއުޓީ ލީޑަރުން ކަމަށެވެ. މި ހަފްތާގައި ވާހަކަތައް ނުބޭއްވިއްޖެ ނަމަ ވާހަކަތައް ބާއްވާނީ ރިޕޯޓް ނެރުމަށް ފަހުކަމަށް ރައީސް ވިދާޅުވި އެވެ. އެ ވާހަކަތައް ވެސް ވިލަރެސް ކުރައްވަނީ މިހާރު ވެސް ޕާޓީތަކުގެ ވާހަކަތަކުގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ އެވެ.