އެންމެ ފުރަތަމަ ހަނދަށް ދިޔަ އިންސާނާ ކަމަށް ބުނެވޭ، އެމެރިކާގެ އެސްޓްރޮނޯޓު ނީލް އާމްސްޓްރޯންގް، އުމުރުން 82 އަހަރުގައި މަރުވެއްޖެއެވެ.

ހިތުގެ މައްސަލަތަކަކާ ގުޅިގެން މި މަހުގެ ކުރީކޮޅުގައި އޭނާ ވަނީ އޮޕަރޭޝަނެއް ވެސް ކުރުވައިފައެވެ.
ނީލް އާމްސްޓްރޯންގް، ހަނދުގައި ފުރަތަމަ ފިޔަވަޅު އެޅި ކަމަށް ބުނަނީ 20 ޖުލައި 1969 ގައެވެ. ހަނދުގައި ފުރަތަމަ ފަހަރަށް އިންސާނަކު އެޅި މި ފިޔަވަޅާ ގުޅޭ ގޮތުން ނީލް އާމްސްޓްރޯންގް ބުނެފައި ވަނީ "އެއީ އިންސާނެއްގެ ނިސްބަތުގައި ބުނާ ނަމަ އެންމެ ފިޔަވަޅެއް. މުޅި އިންސާނިއްޔަތުގެ ނިސްބަތުގައި ބުނާ ނަމަ ދިގުފުންމައިގަތުމެއް" ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ނީލް އާމްސްޓްރޯންގަށާއި އެހެން ތިން އެސްޓްރޮނޯޓަކަށް "ކޮންގްރެޝަނަލް ގޯލްޑް މެޑަލް" ލިބިފައިވެއެވެ. މިއީ އެމެރިކާގައި ދެވޭ އެންމެ މަތީ މަދަނީ އެވޯޑެވެ.

ނީލް އާމްސްޓްރޯންގުގެ އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ހިތުގެ އޮޕަރޭޝަނުގެ ސަބަބުން ދިމާވި މައްސަލަތަކަކާ ގުޅިގެންނެވެ.