އަންނަ ހަފުތާގައި ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާ ސަރުކާރުގެ ދައުވަތަކަށް ކުރެއްވެވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށް މިރޭ އެނބުރި ރާއްޖެވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅުގައި ކަމަށާއި އެ ދަތުރުފުޅުން ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޗައިނާ ދަތުރުފުޅުގައި ޗައިނާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"ޗައިނާގެ ދަތުރަށް ފަހުގައި ވެސް ރާއްޖޭގެ ތަރައްގީއަށްޓަކައި އިތުރު ބައިވަރު ކަންތައްތަކެއް ހަމަ ޖެހިގެންދާނެ ކަމަށް އުއްމީދު ކުރަން،" ރައީސް ވިދާޅުވި އެވެ.

ޗައިނާއާއެކު ވިޔަފާރިތައް ކުރެވޭތޯ ގިނަ ގައުމުތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޗައިނާއާ ރާއްޖެއާ ދެމެދު ވަރަށް ގާތް ގުޅުމެއް ބޭއްވުމަކީ މިހާރު ރާއްޖެއަށް ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމުގަ އެވެ.

"ޗައިނާއަކީ މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ގައުމެއް. އުފައްދާ ހުރިހާ އެއްޗެއް އުފައްދަނީ އެތާގައި މިހާރު. ދުނިޔޭގެ ބޮޑެތި ގައުމުންތަކުންނާއި ކުދި ގައުމުތަކުން މަސައްކަތް ކުރަމުން އެދަނީ ޗައިނާއާ އެކު ވިޔަފާރި ކުރެވޭތޯ. އެއް ގައުމަކުން އެންމެ ގިނަ ޓުއަރިސްޓުން އަންނަ އެއް ގައުމަކީ ޗައިނާ. މިހާރު ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އެބައާދޭ ޗައިނާއިން ރާއްޖެއަށް. އެހެންވީމަ ޗައިނާއާ ދޭތެރޭ ވަރަށް ގާތްގުޅުމެއް ބޭއްވުމަކީ އެއީ އަޅުގަނޑުމެން ކުރަން ޖެހިފައި އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަހީދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅާގުޅޭ ގޮތުން ވިދާޅުވީ އެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ގިނަ ފައިދާތަކެއް ލިބިގެންދިޔަ ދަތުރުފުޅެއް ކަމަށެވެ.