31 Aug 2010, 09:37
14:38
ވިލިމާލެއާ ދިމާ ބޭރުގައި އޮންނަ ވައްބިންފަރު ނުވަތަ ބަނިއަން ޓްރީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ދުން އަރަމުންދާ ކަމަށް ލިބުނު ރިޕޯޓަކަށް، އަލިފާން ނިއްވާ ސާމާނު ހިފައިގެން ކޯސްޓްގާޑުން ދިޔައިރު ހަގީގަތުގައި ދުން އަރަމުންދިޔައީ އެ ރިސޯޓު ކައިރީގައި އޮންނަ ފަޅު ރަށަކުން ކުނި އަންދާތީ ކަމަށް ކޯސްޓް ގާޑުން ބުނެފި އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ ބެނިއަންޓްރީ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު 11 ޖަހާކަންހާއިރު ލިބިގެން ވިއްސަކަށް މިނެޓް ތެރޭގައި ކޯސްޓްގާޑު ލޯންޗް އެ ސަރަހައްދަށް ދިޔަ ކަމަށެވެ.
އަބްދުﷲ އަލީ ވިދާޅުވީ އެ ރިސޯޓުގައި އަލިފާން ރޯވެގެން އުޅޭ ކަމަށް އެ ސަރަހައްދުން ދަތުރުކުރި ބައެއް މީހުންނަށް ހީވެގެން ރިޕޯޓްކޮށްފައި ވަނީ އެރިސޯޓް ކައިރީގައި އޮންނަ މަނިޔަފުށި ކިޔާ ފަޅުރަށެއްގައި ކުނި އެންދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
" ކޯސްޓްގާޑު އެސަރަހައްދަށްދިޔަ އިރު ދުން އަރަމުންދިޔައީ މަނިޔަފުށީގައި އަންދަމުންދިޔަ ބާ ލޯންޗަކުން، އެރަށަކީ މެރިން ރިސާޗް ސެންޓަރުންގެ ފަރާތުން ބަލަހައްޓަމުން އަންނަ ރަށެއް" އަބްދުﷲ އަލީ ވިދާޅުވި އެވެ.