ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް، މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާ އައްޔަނުކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަމީލާ ވަނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. ރަމީލާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ، އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރަމީލާއާ ހަވާލުކޮށްދެއްވާފައެވެ.

ރަމީލާ މި މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން އޭނާއަށް ރުހުން ދިނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އެ ދުވަހު ވޯޓުގައި ބައިވެރިވެވަޑައިގަތް 63 މެންބަރުންގެ އިއްތިފާގުންނެވެ. އެ މަގާމަށް ރަމީލާގެ ނަން ރައީސް މުޢިއްޒު ފޮނުއްވީ އޮކްޓޫބަރު މަހުގެ ކުރީކޮޅުގައެވެ.

އެ މަގާމަށް ރަމީލާގެ ނަން މަޖިލީހަށް ފޮނުއްވީ އެޗްއާރްސީއެމްގެ ރައީސްކަމުގައި ހުންނެވި މަރިޔަމް މުނާގެ މެންބަރުކަމުގެ ދައުރު ނޮވެންބަރު 30، އަށް ހަމަވުމުންނެވެ.

ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ރަމީލާ މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ޑިސެންބަރު އެކެއް، 2024 ގައެވެ. މިނިސްޓަރުކަމާ ނޮވެންބަރު 17، 2023 ގައި ހަވާލުވެވަޑައިގަތުމަށް ފަހު ވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ޖެހެންދެން ރަމީލާ ގިނަ ދުވަސްތަކެއް ރާއްޖޭން ބޭރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ހޭދަކުރެއްވިއެވެ.

މީގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.

އެޗްއާރްސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، މިހާރު އެކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ:

  • ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދު

  • މެންބަރު ސަމާޢު އަޙްމަދު ނަޖީބު
  • މެންބަރު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
  • މެންބަރު އަޙްމަދު މަޤުސޫމް