ވެރިކަން ވަދަލުވި ގޮތް ތަހުގީގު ކުރަން އުފައްދަވާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ސިޔާސީ ލީޑަރުންނަށް މާދަމާ ދައުވަތު ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ސްރީލަންކާއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެވަޑައިގެން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައިގެން ރައީސް ވިދާޅުވީ ސިޔާސީ ލީޑަރުންނާއެކު މަޝްވަރާތައް ބާއްވާނީ ރިޕޯޓް ނެރުމަށް ފަހުގައި ކަމަށެވެ.

"އަޅުގަނޑުގެ ދައުވަތު ފޮނުވާނަން އިރާދަކުރެއްވިއްޔާ މާދާމާ ހުރިހާ ސިޔާސީ ލީޑަރުންނަށް. އޭގެ ބޭނުމަކީ އެއް މޭޒުދޮށަށް އައިސް ހުރިހާ އެންމެން ވާހަކަ ދެއްކުން. ދެން މާގިނަ ދުވަހެއް ނެތް މަސަކަތް ނިމި ރިޕޯޓު އިއުލާން ކުރައްވާކަށް. އަޅުގަނޑު މި އުއްމީދު ކުރަނީ ރިޕޯޓު ހަމަ ނިކުތުމާއެކީގައި އެއާބެހޭ ގޮތުން ވާހަކަ ދެކެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިންވެސް ވިދާޅުވެފައިވާ ގޮތަށް ރިޕޯޓް ނެރުމުގެ ކުރީން ރިޕޯޓުން ނުކުންނާނެ ނަތީޖާއާމެދު މަޝްވަރާ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އެހެންވީމަ އަދިވެސް އަޅުގަނޑު ކޮންމެހެން އޭގެން [ކޯނީގެ ރިޕޯޓުން] ނިކުންނާނީ ކޮން ނަތީޖާއެއްތޯ ސްޕެކިއުލޭޓްކޮށް ވާހަކަ ދައްކާކަށް ނެތީމު،" ރައީސް ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓް ނެރުމަށް ފަހު އަމަލު ކުރާނެ ގޮތްތަކާއިމެދު ސިޔާސީ ލީޑަރުންނާއެކު ބާއްވާ ބައްދަލުވުމުގައި ހުރިހާ ޕާޓީތަކުން ވެސް ހާއްސަ އިސްކަމެއް ދެއްވައިގެން ބައިވެރިވުމަށް ރައީސް ވަހީދު މިރޭ ގޮވާލެއްވެވި އެވެ.

"އަޅުގަނޑުގެ އެދުމަކީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން، އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ގައުމުގެ މަސްލަހަތާއި ގައުމާއިގެން ކުރިއަށް ދިއުމަށްޓަކައި ކުރައްވަން ޖެހޭ މަސަކަތް އިސް ކުރައްވައިގެން ހުރިހާ އެންމެން އެކީގައި ވާހަކަ ދައްކައިގެން ކުރިއަށް ދިއުން. އެ ރިޕޯޓު އައުމަށް ފަހުގަ،" ރައީސް ވިދާޅުވި އެވެ. އެ މަޝްވަރާތަކަށް ބައެއް ފަރާތްތަކުން ހޫނު މަރުހަބާއެއް ކިޔާފައިވާކަމުގެ އިޝާރާތައް ލިބިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ ހުރިހާ ފަރާތްތަކުން ވެސް މިއަށް ވަރަށް ހޫނު މަރުހަބާ އެއް ވިދާޅުވެ އެއަށް [މަޝްވަރާތަކުގައި ބައިވެރުމަށް] އިޖާބަ ދެއްވާނެ ކަމަށް. އަދި އެކަމުގެ އިޝާރަތްތައް އަޅުގަނޑަށް އެބަވޭ. އެހެންވީމަ އަޅުގަނޑުގެ އުއްމީދު ވަރަށް ބޮޑު،" ރައީސް ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުންނާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެރި ވަޑައިގަންވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަދި އެމްޑީޕީގެ މުޒަހަރާތައް ވެސް ވަކި ކޮންޓްރޯލެއްގެ ތެރޭގައި ހިފަހައްޓައިގެން ކުރިއަށް ގެންދާކަން ސަރުކާރުން ބަލައިގަންނަ ކަމަށް ރައީސް ވަހީދު މިރޭ ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓާއިމެދު އަމަލުކުރާނެ ގޮތްތައްކެއް ކަނޑައެޅުމަށް ސިޔާސީ މަޝްވަރާތަކަށް ގޮވާލައްވާނެ ކަން ރައީސް އިއުލާން ކުރައްވާފައި ވަނީ މިއަދު ލަންކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. ކޯނީގެ ރިޕޯޓް ނެރުމަށް ހަމަ ޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ އެވެ.