ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތައް ފަށައިފި
ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތައް ފަށައިފި

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްސަލް ފިރިހެން ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.

ރާއްޖޭގެ ފުޓްސަލް ޓީމުން ރޭ ހުޅުމާލެ ރެހެންދި ދަނޑުގައި ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭން ޕްރެކްޓިސް ފަށާފައިވަނީ ޕްރިލިމިނެރީ ބޮޑު ސްކޮޑަކާއެކުއެވެ.

ސާފުން އަންހެން އަދި ފިރިހެން ޓީމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތާވަލުކޮށްފައިވަނީ، ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައި ކުރިއަށްގެންދާ ގޮތަށެވެ. މިއީ، ސާފް އިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

އަންނަ މަހު ތައިލެންޑުގައި ފަށާ ސާފް ފުޓްސަލް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ފުޓްސަލް ޓީމުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވަނީ ޕްރެކްޓިސްގައި ބައިވެރިވި ކުޅުންތެރިންނާ ބައްދަލުކޮށް ވާހަކަ ދައްކާފައެވެ.

ޓޮމްގެ އިތުރުން އެފްއޭއެމް ފުޓްސަލް ކޮމިޓީގެ މެމްބަރުންނާއި ލީޑަޝިޕްގެ ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެއެވެ.

ގައުމީ ފުޓްސަލް ޓީމުން ޕްރެކްޓިސްތައް ފަށާފައިވަނީ އަލަށް ހަމަޖެއްސި އުޒްބެކިސްތާންގެ ތަޖުރިބާކާރު ކޯޗު ފާރޫގު ޒަކިރޯވް ނެތިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ވަރަށް އަވަހަށް ހެޑް ހޯޗު ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާނެއެވެ.