25 Aug 2012, 23:34
"ކަޅު އަންގާރަ"އިގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތާއި ބެހޭ ޑޮކިއުމެންޓްރީ ފިލްމެއް ރާއްޖެ ޓީވީން މިރޭ ނެރެފި އެވެ.
ރައީސް ނަޝީދާއެކު މިރޭ ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޑޮކިއުމެންޓްރީ ފިލްމް ނެރެދެއްވީ ކުރީގެ ނޫސްވެރިޔާ އަދި ވާހަކަ ލިޔުންތެރިޔާ މަޑުލު މުހައްމަދު ވަހީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ އަދި މިހާރު ރާއްޖެ ޓީވީގެ ސީއީއޯ އަކުރަމް ކަމާލުއްދީން ވިދާޅުވީ މި ޑޮކިއުމެންޓްރީ ފިލްމުގައި ފެބްރުއަރީ ހަވަނަ ދުވަހާއި 7 ވަނަ ދުވަހުގެ ހާދިސާތައް ތަފުސީލު ކޮށްދީފައިވާނެ ކަމަށާއި ފިލްމުގައި ރާއްޖެ ޓީވީގެ އެއްވެސް ހިޔާލެއް ހިމަނާފައި ނުވާނެ ކަމަށެވެ.
"ރާއްޖެ ޓީވީން މިފަދަ ޑޮކިއުމެންޓްރީ ފިލްމެއް މި ތައާރަފުކުރީ އެ ދެ ދުވަހުގެ ހާދިސާތަކުގެ ތަފުސީލާއި މަންޒަރާއި އަޑު ރައްޔިތުނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެނގިވަޑައިގަންނަވާނެ ފަދައިން ކަންކަން ހިނގާފައި ވަނީ އަޅުގަނޑުމެން ކުރިމަތީގަ، މިއީގައިވަނީ މުޅިން އާ ވަހަކަތަކެއް ނޫން، ރައްޔިތުންނަށް ފަހަރެއްގައި ނުފެންނަ މަންޒަރުތަކެއް ހުރެދާނެ، އަޅުގަނޑުމެން މަސައްކަތަކީ އެ މަންޒަރުތައް އެއްކޮށް ތައްޔާރު ކުރުން،" އަކުރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިން ގަޑިއިރުގެ އެ ޑޮކިއުމެންޓްރީ ފިލްމް ރާއްޖެ ޓިވީން ނެރުނުއިރު މިހާރުގެ ސަރުކާރުން ރާއްޖެ ޓިވީއާއި މުޅިން ގުޅުން ކަނޑާލާފައިވާ ކަމަށާއި ރައީސް އޮފީހާއި ފުލުހުން ވެސް ރާއްޖެ ޓީވީ އެކަހެރި ކޮށް އެއްބާރުލުން ނުދޭ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން ވިދާޅުވީ ޑޮކިއުމެންޓްރީއަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތަށް ބަލާލައި ފުރަތަމަ ހެދުނު ޑޮކިއުމެންޓްރީ ފިލްމް ކަމަށާއި އަދި އެ ފިލްމުގައި ހާދިސާތަކުގެ އަސްލު ވީޑިއޯތަކާއި އަސްލު އަޑުތައް ހިމެނޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޑޮކިއުމެންޓްރީ ހެދުމުގައި ނޫސްވެރިން ކޮށްފައިވާ ރިޕޯޓްތަކަށް ބަލާލާފައިވާނެ ކަމަށެވެ.
މި ޑޮކިއުމެންޓްރީ މިރޭ ނެރުނު ނަމަވެސް އަދި އާންމުކޮށްފައެއް ނުވެއެވެ. ރާއްޖެ ޓީވީން ބުނީ ޑޮކިއުމެންޓްރީ މާދަމާ ހެނދުނު އެޓީވީން ދައްކާނެ ކަމަށެވެ. މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދާއި މަޑުލު ވަހީދު ވާހަކަފުޅެއް ނުދައްކަވަ އެވެ.
ރާއްޖެޓީވީގެ ކަޅު އަންގާރަ މިރޭ ނެރެފައިވާއިރު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގެ މެންބަރު އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ޔޫތު މިނިސްޓަރުވަނީ މީގެ ދެ ދުވަސް ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ކުރިމަތިވެވަޑައިގެންނެވި ކަމަށް ބުނާ މަޖުބޫރީ ހާލަތްތަކުގެ މައްޗަށް ބިނާކޮށް "މަޖުބޫރު ކުރުވި އިސްތިއުފާ"ގެ ނަމުގައި ފޮތެއް ނެރެފަ އެވެ.